ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ނިޔާވި މައްސަލާގައި ކަންވީގޮތް ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެ އެވެ.
މި މަހުގެ 05 ވަނަ ދުވަހުގެ ރޭ ނޭވާ ލުމަށް އުނދަގޫތަކެއް ހުރުމުން އެމަޖެންސީ ހާލަތުގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދިޔަ 46 އަހަރުގެ މ. މަލަސް/ ކ. މާލެ، އިސްމާޢީލް ޝަބީން ނިޔާވީ ބުދަ ދުވަހުގެ ރޭގައި ކަމަށް އައިޖީއެމްއެޗް އާއި ހަވާލާދީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ވިދާޅުވެފަވެއެވެ.
ޝަބީން އަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިއްކިކަމަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައިހުރި މީހެއްކަމަށް ކަރެކްޝަންސް އިން ވިދާޅުވި އެވެ. އަދި ހޮސްޕިޓަލަށް ގެންދިއުމާއި ހަމައިން ކަރެކްޝަންސްއިން ވާނީ ކަމާ ބެހޭ އިތުރު މުއައްސަސާތަކަށް އަންގާފަކަންވެސް ވަނީ އެ އިދާރާއިން ފާހަގަކުރައްވާފައެވެ.
ޝަބީންގެ މަރާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް(ޕީޖީ)އިން އިއްޔެ ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ނިޔާވި މައްސަލާގައި ކަންވީގޮތް ބެލުމަށްފަހު އެ އޮފީހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!