މޭވާއާއި ތަރުކާރީ ހިފައިގެން ރާއްޖެއަށް ދަތުރު ކުރަމުންދާ ބޯޓެއް އަޑިއަށް ދާތީ ދިވެހި ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި އަޑިއަށް ދަނީ އޮކްޓޯބަރު 2 ވަނަ ދުވަހު އިންޑިއާގެ ޓުޓިކޮރިންއިން ފުރައިގެން މާލެ ދަތުރުކުރަމުން ދިޔަ "އެމްއެސްވީ އަނާއި ވައިލަންކަނެ އަރޮކިއާ" ނަމަކަށް ކިޔާ ބޯޓެކެވެ.

Ad
rt

އެ ބޯޓު ޅ.އަތޮޅުގެ އިރުން 130 ނޯޓިކަލް މޭލު ބޭރުން އަޑިއަށް ދާ ކަމުގެ މައުލޫމާތު ލިބިގެން ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

އެ ބޯޓުގައި 9 ފަޅުވެރިއަކު ތިއްބެވެ. އަދި މިއީ ރާއްޖެއަށް ތަރުކާރީ އާއި މޭވާ ބަރުކޮށްގެން ދަތުރުކުރަމުން އަންނަ ބޯޓެކެވެ.

މި ބޯޓަށް އެހީތެރިވުމަށް އެ ސަރަހައްދަށް ދިއުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝަހީދު އަލީ ރޭ މެންދަމު ވަނީ ދަތުރުފަށާފައެވެ.

ނަމަވެސް ކޯސްޓްގާޑަށް އެ ސަރަހައްދަށް ފޯރާނީ މިއަދުގެ ހެނދުނު ކަމަށް އެމްއެންޑީއެފްއިން ލަފާކުރައްވައެވެ.