ދަރިވަރުންނަށް ކިޔަވައިދެއްވުމަށް މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، މުދަލާއި ފައިސާއިން ވަޒަންކުރެވޭ ވަރަށްވުރެ އަގު މާތް ޖިހާދެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ޞާލިޙް ވިދާޅުވީ، ދަރިވަރުންނަށް ކިޔަވައިދެއްވުމަށް މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، ދުލަކުން އަދި ގަލަމަކުން ބަޔާންކުރެވޭ ވަރަށްވުރެ މާބުރަ މަސައްކަތެއް ކަމަށެވެ. އަދި އެއީ މުދަލާއި ފައިސާއިން ވަޒަންކުރެވޭ ވަރަށްވުރެ އަގު މާތް ޖިހާދެއް ކަމަށް ރައީސް ވިދާޅުވިއެވެ.

Ad
rt

"ހަމައެފަދައިން، ޤައުމުގެ އިންސާނީ ވަސީލަތް ތަރައްޤީކޮށް ބިނާކުރުމުގެ އެންމެ މުހިންމު މަސައްކަތް ކުރައްވާ ބަޔަކީ މުދައްރިސުންނެވެ. އެކަމަށްޓަކައި، ދިވެހިރާއްޖޭގެ ހީވާގި އެންމެހައި މުދައްރިސުން އެ ކުރައްވާ މިންނެތް މަސައްކަތުގެ އަގު ވަޒަންކޮށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ." ރައީސް ޞާލިޙް ވިދާޅުވެފަވެއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަން ގައުމު ވަށައިލި ހިނދުވެސް، އެތައް ދަތިތަކެއް ތަޙައްމަލު ކުރައްވައިގެން، ޤައުމުގެ ދަރިންނަށް ކިޔަވައިދެއްވުމުގައި، މުދައްރިސުން އެ އުފުއްލެވި ބުރައަށްޓަކައި، މުޅި ޤައުމު އެ ބޭފުޅުންނަށް ޝުކުރުވެރިވާނެކަން ޔަޤީންކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މުދައްރިސުން އެ އަދާކުރައްވަނީ ހަމައެކަނި ވަޒީފާއެއް ނޫނެވެ. އެބޭފުޅުންގެ އަމިއްލަ ޝައުޤުވެރިކަމާއި ހިތްޕުޅުގެ ލޯތްބާއެކު، ޙަޔާތުގެ މުހިންމު އެތައް ދުވަސްތަކަކާއި، އެތައް ވަގުތުތަކެއް ޤުރުބާން އެ ކުރައްވަނީ، ޤައުމުގެ ކުރިމަގުގެ ޖީލު ބިނާކުރެއްވުމަށެވެ." ރައީސް ޞާލިޙް ވިދާޅުވެފަވެއެވެ.

މުދައްރިސުން އެ އަދާކުރައްވާ މަސްއޫލިއްޔަތަކީ، ހަމައެކަނި ދަރިވަރުންނަށް ކިޔަވައިދިނުމެއް ނޫންކަމަށާއި، މުޖުތަމަޢަށް އެންމެ ބޭނުންތެރި ގޮތަށް ދަރިން ތަރުބިއްޔަތު ކުރުމުގައިވެސް، މުދައްރިސުން އަދާކުރައްވަނީ ޤައުމީ ޚިދުމަތުގެ ވަރަށް މުހިންމު ވާޖިބެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މުޖުތަމަޢުގެ އެންމެހައި ނުކިއްސަރު ކަންތަކުން، ޤައުމުގެ ޒުވާން ޖީލު ސަލާމަތްކުރުމުގައިވެސް، މުދައްރިސުން އަދާކުރައްވަނީ ވަރަށް މުހިންމު ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި އަހަރުގެ މުދައްރިސުންގެ ދުވަސް ފާހަގަކުރާއިރު، ތަޢުލީމީ ޢުމުރުފުރާގެ އާބާދީއަށް މިވަގުތު ސަމާލުކަން ދޭންޖެހެނީ، ކޮން ދާއިރާތަކަކުންތޯ ވިސްނައިލުން މުހިންމުކަމަށާއި، މަސްތުވާތަކެތީގެ ވަބާއިން ޤައުމުގެ ޒުވާން ޖީލު ސަލާމަތްކުރުމާއި، ހަރުކަށި ފިކުރުތަކާއި ހަރުކަށި ޢަމަލުތަކުން، އަޅުގަނޑުމެންގެ ޅަދަރިން ސަލާމަތްކުރުމަކީ، ޤައުމީ ފެންވަރުގައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދީގެން ކުރަން ޖެހިފައިވާ ކަންކަންކަން ކަމަށެވެ.

ދަރިންގެ ހިތްތަކުގައި އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ އަށަގަންނުވައި، އިސްލާމީ ރިވެތި އަޚްލާޤާއި، އިޖުތިމާޢީ އަދަބު އިޙްތިރާމުގެ ގިއުގަނޑުގެ ތެރޭގައި ދަރިން ތަރުބިއްޔަތު ކުރުމަށް އިތުރު ސަމާލުކަމެއް ދީގެން، މުޖުތަމަޢުގައި ހުރި މިފަދަ ކަންކަމަށް އެކަށޭނަ ޙައްލެއް ހޯދިދާނެ ކަމަށް ދެކިވަޑައިގަންނަވާކަމަށް ވެސް މިއަދުގެ ޚިޠާބުގައި ރައީސް ވިދާޅުވިއެވެ.