މާތް ﷲ އަށް ޓަކާއި މިސްކިތެއް ބިނާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަނެއްކާވެސް ހދ. ނޮޅިވަރަންފަރު ކައުންސިލުން ހުޅުވާލައިފި އެވެ.

މީގެ ކުރިންވެސް ނޮޅިވަރަންފަރު ކައުންސިލުން ވަނީ އެރަށު ސިއްޙީ މަރުކަޒުގެ ދެކުނު ސަރަހައްދުގައި މިސްކިތެއް އެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

Ad
rt

އެރަށު ކައުންސިލުން ވިދާޅުވީ އެ ރަށުގައި މީހުން އަލަށް އާބާދުވެފައިވާ ސަރަހައްދުގައި މިސްކިތެއް ބިނާކުރުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް، މިސްކިތެއް ބިނާކުރުމަށް ބޭނުންވާވަރަށް ފައިސާ އެ ކައުންސިލުން ހަމަޖެހިފައިނުވާތީ، މި މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ، ﷲ ގެ މަގުގައި ހޭދަކުރުމަށް ބޭނުންވާ ފަރާތްތަކުގެ ދީލަތި އެހީގައި ކަމަށް އެކައުންސިލުން ވިދާޅުވި އެވެ.

އަދި މިސްކިތް ބިނާކުރުމުގެ ފަންޑަށް އެހީވުމުގެ ފުރުސަތު ސަރުކާރުގެ ކުންފުނިތަކާއި، މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތަކާއި، ކުލަބް ޖަމްޢިއްޔާ ޖަމާތްތަކާއި، ޢާއްމު ފަރުދުންނަށްވަނީ ހުޅުވާލާފައެވެ.

މިފަންޑަށް އެހީވެދެއްވުމުގެ ގޮތުން ފައިސާ ފޮނުވާނީ އެ ކައުންސިލްގެ 1300، ރެވެނިއު-1 (1 ނަމްބަރު އެކައުންޓް)
7706700486001، ނަންބަރަށް ކަމަށް ނޮޅިވަރަންފަރު ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އަދި ފައިސާގެ ރަސީދު info@nolhivaranfaru.gov.mv ، އަށް މެއިލްކުރުމަށް ވަނީ އެދިލައްވާފައެވެ.

މިކަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި، މަޢުލޫމާތު ސާފުކުރެއްވުމަށް އަށް މެއިލް ކުރެއްވުން ނުވަތަ 6520050، 6520054 އަށް ގުޅުމަށް ނޮޅިވަރަންފަރު ކައުންސިލްގެ އެދިލައްވައެވެ.

ނޮޅިވަރަންފަރަކީ ހދ. އަތޮޅުގެ ކުރީގެ ވެރިރަށެވެ. އަދި 2011 ވަނަ އަހަރު ސަރުކާރުގެ އެއްފަސްކުރުމުގެ މަޝްރޫއުގެ ދަށުން އެ އަތޮޅު މާވައިދޫ، ފަރިދޫ އަދި ކުނބުރުދޫގެ ރައްޔިތުން ވަނީ ނޮޅިވަރަންފަރަށް ބަދަލުކޮށް އެރަށުގައި ވަޒަންވެރި ކޮށްފައެވެ.

ﷲ އަށްޓަކައި މިސްކިތެއް ބިނާކުރުމަކީ ދުނިޔެއާއި އާޚިރަތުގެ އޭގެ ފައިދާ ކުރާނެ ކަމެކެވެ. އެގޮތުން، ބިނާކުރެވޭ މިސްކިތުގައި އަޅުކަންކުރެވެމުންދާ ހުރިހާ ހިނދަކު އޭގެ ހެޔޮޖަޒާ މިސްކިތް ބިނާކުރި ފަރާތައް ކުރާނެއެވެ. އަދި އެ މިސްކިތުގެ ސަބަބުން ބަޔަކަށް ހިދާޔަތް ލިބުނުކަމުގައި ވާނަމަ އެއީ އެކަމުން އުޖޫރަ ލިބިގެންދާނެ ކަމެކެވެ.

މީގެ އިތުރުން، ﷲ އަށްޓަކައި މިސްކިތެއް ބިނާ ކުރެއްވުމަކީ މި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ﷺ އެކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާވެސް ކަމެކެވެ. ރަސޫލުﷲ ﷺ ވަނީ ﷲ އަށްޓަކައި މިސްކިތެއް ބިނާކޮށްފި މީހަކަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރެވޭނެކަމަށް ޙަދީޘް ކުރައްވާފައެވެ.

ނޮޅިވަރަންފަރު ކައުންސިލުން މާތް ﷲ އަށް ޓަކާއި މިސްކިތެއް ބިނާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފުރަތަމަ ހުޅުވާލީ މިއަހަރުގެ ޖޫން ފުރަތަމަ ހަފުތާގައެވެ.