41 ވަނަ މަސްވެރިންގެ ދުވަހާއި ގުޅިގެން ބާއްވާ މަސްވެރިންގެ ފޯރަމްގައި ކުޅުދުއްފުށި ސިޓީގެ 2 މަސްވެރިއަކަށް ބައިވެރިވުމުގެ ފުރުސަތުދޭން ފިޝަރީޒް މިނިސްޓްރީއިން ނިންމާފައިވުމުން އެ ފުރުސަތައް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޙާއްސަކޮށްގެން "މަސްވެރިންގެ ފޯރަމް" ބޭއްވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހަމަޖައްސަވާފައިވާ ކަމަށެވެ.

Ad
rt

އަދި މިފޯރަމާއި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި އަދި ދުވަހާއި ގުޅިގެން ކ. ގާފަރުގައި ބޭއްވޭ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ކުޅުދުއްފުށީގެ 2 މަސްވެރިއަކަށް ދިނުމަށް ނިންމާފައިވާ ކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.

މަސްވެރިންނާއި މަސްވެރިކަމުގެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ މި ކަމަށް ޝައުގުވެރިވާ އެ ސިޓީގެ މަސްވެރިން 05 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ 12:30 ގެކުރިން ކުޅުދުއްފުށި ސިޓީ ކައުންސިލް އިދާރާގެ ނަންބަރ 9531312 އަށް ނަމާއި އެޑުރެސް، މަސައްކަތްކުރާ ދޯނީގެ ނަމާއި އަދި ގުޅޭނެ ފޯން ނަންބަރ އެސް.އެމް.އެސް ކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

މިފޯރަމްގައި ބައިވެރިވުމަށް އަތޮޅުތަކުން ދާ މަސްވެރިންގެ ދަތުރު ޚަރަދާއި، ހުރުމާއި ކެއުމުގެ ޚަރަދު ދެއްވާގޮތަށް ހަމަޖެހިފައި ވަނީ ފިޝަރީޒް މިނިސްޓްރީއިންނެވެ.

މަސްވެރިންގެ ފޯރަމްގެ މައިގަނޑު މަގްސަދަކީ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިސިނާއަތާއި ގުޅުންހުރި އެކިއެކި މަޢުލޫމާތު ފޯރުކޮށްދީ މި ސިނާޢަތުގައި ހުރިދަތިތައް ހައްލުކުރާނެ ގޮތްތަކާއި ސިނާޢަތު ތަރައްޤީކޮށް ކުރިއެރުވުމާއި ގުޅޭ ގޮތުން މަޝްވަރާކުރުމެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހެވެ. ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކޮށްފައިވަނީ އޮންލައިން ކޮށެވެ.