ހދ. ނެއްލައިދޫ ފެރީ ސްޓޮޕުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން ކޮންކްރީޓް މަސައްކަތުގެ 70 އިންސައްތަ ވަނީ ނިމިފައެވެ. އަދި މިހާރު ކުރަނީ ފެރީ ސްޓޮޕްގެ ކޮލަމް އަދި މޭޝަނަރީ މަސައްކަތްތައް ކަމަށް އެމްޓީސީސީން ބުންޏެވެ.
މި ފެރީ ސްޓޮޕަކީ އިންޓަރގްރޭޓެޑް ޕަބްލިކް ފެރީ ނެޓްވޯކް މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހަދާ ސްޓޮޕެކެވެ. “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” އަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ހިންގާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ މަސައްކަތް ކުރިއަށްދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި ފެރީ ޓާމިނަލް ތަރައްގީ ކުރާނެއެވެ.
މި މަޝްރޫއުގެ ދަށުން ހައިސްޕީޑް ފެރީތައް ބަނުމުގެ މަސައްކަތް ކުރިއަށްދާއިރު ފުރަތަމަ ފެރީގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!