ހދ. ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔަ " އެފްއޭއެމް "ޑީ" ސެޓިފިކެޓް ފުޓްބޯޅަ ކޯޗިން ކޯސް" ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ކޯހަކީ ނޮޅިވަރަންފަރު ކައުންސިލާއި، ނޭޝަނަލް އިންސްޓިޓިއުޝަން އޮފް ސްޕޯޓްސް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ.

Ad
rt

މި ކޯސް ނޮޅިވަރަންފަރުގައި ކުރިއަށް ގެންގޮސްފައި ވަނީ ހުސްވި ސެޕްޓެމްބަރު މަހުގެ 22 އިން 30 އަށެވެ. ކޯސް ކުރިއަށް ގެންގޮސްދެއްވާފައި ވަނީ ރާއްޖޭގެ މަޝްހޫރު އަދި ތަޖުރިބާކާރު ފުޓްބޯޅަ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ)އެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބުދުﷲ ނަދީމް "ތިލަދުން"އަށް ވިދާޅުވީ، މި ކޯސް ހިންގުމުގެ ފުރުސަތު ލިބުމުން ބައިވެރިވުމުގެ ފުރުސަތު މުޅި އަތޮޅަށް ހުޅުވާލެއްވި ކަމަށެވެ.

މިކޯހުގައި ރަށުން ބޭރުން ބައިވެރިވި ބައިވެރިންގެ ދަތުރު ހދ. އަތޮޅު ކައުންސިލުން ހަމަޖައްސައި ދެއްވިކަން ނަދީމް ވަނީ ފާހަގަ ކުރައްވާފައެވެ.

"މި ކޯސް ހިންގުމަށް ފުރުސަތު ފަހިކޮށްދެއްވި ޔޫތު މިނިސްޓްރީއަށާއި، އެފްއޭއެމްއަށް ޝުކުރުއަދާކުރަން، މިކަމުގައި މިރަށުގެ ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުމާއި، އެއްބާރުލުންދިން މުއައްސަސާތަކާއި، ސްކޫލާއި އަދި އަތޮޅު ކައުންސިލްގެ ނަން ފާހަގަކޮށްލަން" ނަދީމް ވިދާޅުވިއެވެ.

މި ކޯހުގައި ޖުމްލަ 17 ބައިވެރިއަކު ބައިވެރިވެ ކޯސް ފުރިހަމަކޮށްފަ ވެއެވެ. އޭގެ ތެރޭގައި 2 އަންހެން ބައިވެރިއަކުވެސް ހިމެނެއެވެ. މި ކޯހުގައި ނޮޅިވަރަންފަރުގެ އިތުރުން ހދ. އަތޮޅުގެ 4 ރަށަކުން އެއިން ކޮންމެ ރަށަކުން ބައިވެރިއަކު ބައިވެރިވެފައި ވެއެވެ. އެރައްތަކަކީ ހަނިމާދޫ، ނޭކުރެންދޫ، ނެއްލައިދޫ އަދި ކުރިނބީއެވެ.