ހއ. ވަށަފަރު ފަޅުތެރޭ މުރަކަ އިންދާ، އާލާ ކުރުމުގެ ހަރަކާތަކާއި، އެރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ވަށަފަރު ކައުންސިލުން ވިދާޅުވާ ގޮތުގައި މިހަރަކާތަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން އެ ކައުންސިލާއި، ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން އިންތިޒާމް ކުރި ހަރަކާތެކެވެ.

Ad
rt

އިއްޔެ ވަށަފަރުގައި ކުރިއަށްދިޔަ މި ހަރަކާތުގައި ރަށުގެ ގެސްޓް ހައުސްހިންގާ ފަރާތްތަކާއި، ރަށުގެ ރައްޔިތުންނާއި، މުއައްސަސާތަކުގެ އިތުރުން ސްކޫލް ދަރިވަރުން ވެސް ވަނީ ބައިވެރިވެ އެއްބާރުލުން ދީފައެވެ.

ވަށަފަރު ކައުންސިލްގެ ރައީސް އަހްމަދު މުއީން "ތިލަދުން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިއްޔެ ކުރިއަށް ދިޔަ މި ހަރަކާތް ކުރިއަށް ދިޔައީ އިއްޔެ މެންދުރުފަހު 2:00 އިން ހަވީރު 4:30ގެ ނިޔަލަށް ކަމަށެވެ.

ވަށަފަރުގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން، ފޮޓޯ: ވަށަފަރު ކައުންސިލް

"އަޅުގަނޑުމެން އިއްޔެ ސާފުކުރީ މިރަށުގެ އުތުރު ފަރާތު ގޮނޑުދޮށް، މުރަކަ އާލާ ކުރުމަށް އިންދާފައި ވަނީ ދެކުނު ފަރާތު ފަޅު ތެރޭގައި، މިކަމަށް ޓޫރިޒަމް މިނިސްޓްރީއާއި، ރަށުގެ ގެސްޓް ހައުސް ހިންގާ ފަރާތްތަކާއި، މުއައްސަސާތަކާއި، ސްކޫލް ދަރިވަރުންނާއި، ޖުމްލަކޮށް ރަށުގެ ރައްޔިތުން ދިން އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަން" މުއީން ވިދާޅުވިއެވެ.

ވަށަފަރުފަޅު ތެރޭ މުރަކަ އިންދުމުގެ ހަރަކާތުގެ ތެރެއިން، ފޮޓޯ: ވަށަފަރު ކައުންސިލް

މުއީން ވިދާޅުވީ، އިންދުނު މުރަކަތައް މޮނީޓާކޮށް ބެލެހެއްޓުމަށް ވެސް ނިންމާފައިވާ ކަމަށާއި، ހަފުތާއަކު އެއް ދުވަހު އެ މަސައްކަތް ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

ވަށަފަރަކީ އުތުރުން ވަރަށް ކާމިޔާބުކަމާއެކު ލޯކަލް ޓޫރިޒަމް ހިންގަމުން އަންނަ ރަށެކެވެ. އެރަށުގައި ހުންނަ 7 ގެސްޓް ހައުސް ތެރެއިން މިވަގުތު އޮޕަރޭޝަންގައި ހުރީ 4 ގެސްޓް ހައުސްއެކެވެ.