ދިރިއުޅުމުގެ ކަންކަމުގައި އިސްރާފު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް، ފައިސަލް ނަސީމް އިލްތިމާސް ކުރައްވައިފި އެވެ.
ނައިބު ރައީސް މިފަދައިން އިލްތިމާސްކުރެއްވީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އިން ބޭއްވި "އެކުވެރި އެމް.ޑަބްލިއު.އެސް.ސީ" ނެޓްވާރކިން ޑިނަރ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބު ރައީސް ފައިސަލްގެ ވާހަކަފުޅުގައި ވަނީ، ރާއްޖެފަދަ ކުޑަޖަޒީރާ ޤައުމެއްގައި ދިރިއުޅޭއިރު މޫސުމަށް އަންނަ ބަދަލުތަކަށް ވިސްނުންހިންގަންޖެހޭން ކަމަށާއި އަދި އެބަދަލުތަކާއެކު ދިރިއުޅުމުގެ ވައްޓަފާޅިއަށް ވެސް ބަދަލުތަކެއް ގެންނަންޖެހޭކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައެވެ.
އެގޮތުން، ޚާއްޞަގޮތެއްގައި ފެން އިސްރާފުނުކުރުމާއި އަދި ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އިސްރާފުތައް ކުޑަކުރަންޖެހޭކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.
އެމް.ޑަބްލިއު.އެސް.ސީ.އާ އަދި ސަރުކާރު ހިއްޞާވާ އެހެން ކުންފުނިތަކުންވެސް އެކުންފުނިތަކުން ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން މީހުން ބިނާކުރުމާއި އަދި ރައްޔިތުންނަށް ބޭނުންވާ އެކިކަންކަމާއި ވަޞީލަތްތައް ޤާއިމުކުރުންފަދަ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ، އަދި އެކަމަށްޓަކައި ނައިބު ރައީސް ވަނީ ކުންފުނިތަކުގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.
އެމް.ޑަބްލިއު.އެސް.ސީ. އާއެކު އެހެންކުންފުނިތަކުން ބާއްވަމުންގެންދާ ގާތްގުޅުން ދަމަހައްޓައި ކުންފުނިތަކުގެ ވެރިންގެ މެދުގައި ގުޅުންބަދަހިކުރުމުގެ ގޮތުން އެ ކުންފުނިން ރޭ ބޭއްވި މި ޙަފްލާގައި ސަރުކާރާއި ސަރުކާރު ޙިއްޞާވާ އެކި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!