ވަރަށް ކުދި ކަންތައްތައް ވެސް އިންސާނިއްޔަތަށްޓަކައި ވަރަށް މުހިންމު ކަންތައްތަކަށް ވެދާނެ ކަމަށާއި، އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތަށް ހަޖޫޖަހާ އެއްވެސް ބޭފުޅަކު ވާހަކަ ދެއްކުމަކީ އެ ފަރާތްތަކަށް ކުރެވޭ މަލާމާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އިން ބޭއްވި "އެކުވެރި އެމް.ޑަބްލިއު.އެސް.ސީ" ނެޓްވާރކިން ޑިނަރ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ސަރުކާރުން ރާވާ ހިންގާ ކުދި ކުދި ބޭނުންތެރި ޕްރޮޖެކްޓްތަކަށް ހަޖޫޖަހައި މަލާމާތް ނުކުރުމަށް ނައިބް ރައީސް ފައިސަލް ނަސީމް އެދިލައްވައިފިއެވެ.

ނައިބު ރައީސްގެ ވާހަކަ ފުޅުގައި ވަނީ ކުންފުނިތަކާ މަތިކޮށްފައިވާ ރަސްމީ މަސައްކަތްތަކުގެ އިތުރުން މުޖުތަމައުގެ ދުޅަހެޔޮކަމަށާއި، ރައްޔިތުންގެ ލާބައާއި ފަސޭހައަށް ކުންފުނިތަކުން ގިނަ ކަންތައްތަކެއް ކޮށްދެއްވަމުން ގެންދަވާކަން ފާހަގަ ކުރައްވާފައެވެ.

މިސާލެއްގެ ގޮތުން ގުރައިދޫގައި ހުންނަ ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ބޭނުންވާ ކަންތައްތަކާއި، ތެލަސީމިއާ ސެންޓަރަށް ބޭނުންވާ ކަންތައްތަކާއި، ޚާއްޞަކޮށް މާލޭ އޭރިއާގައި ދިރިއުޅޭ ރައްޔިތުންނަށް ޓެކްސީ ސްޓޭންޑްތަކާއި، ބަސް ޓާމިނަލްތައްފަދަ ފަސޭހަކަން ލިބޭނެ އެތައް ކަމެއް ކުންފުނިތަކުން ފަހިކޮށްދެއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު މީގެ އަހަރުތަކެއް ކުރިން ވެސް ކަނބާއައިސާ ރަނި ހިނގުމުން އައިޖީއެމްއެޗް ކައިރިން އަންނައިރު ފެންނާނެ މާބަނޑު އަންހެނުން ކުޑަކުދިން ގޮވައިގެން ޚާއްޞަކޮށް އަންހެން ބޭފުޅުން ތެމިގެން ޓެކްސީ ނަގަން ތިބޭ މަންޒަރު، އަޅުގަނޑު މީގެ 6 އަހަރު ކުރިންވެސް އަޅުގަނޑުގެ ކާރުގައި އަޅުގަނޑު ދުއްވާފައި މިގޮތައް ތިބި ބަޔަކު ދެ ދުވަހަކު ގެއަށް ގެންގޮސްދިނިން" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، އެފަދަ ފަރާތްތަކަށް އެތަނުގައި ކޮންމެވެސް ދުވަހަކުން ހިޔާވަހިކަމެއް ފެންނާނެކަމުގެ އުންމީދު ކުރެއްވި ކަމަށެވެ.

"ދެން އަޅުގަނޑުމެންނަށް މިއޮތީ އެ ކަންކަން ކުރުމުގެ ފުރުޞަޠު ލިބިފައި، ދެން އަޅުގަނޑު އެއްދުވަހު އެމްޑީ ޝާހްއަށް ދެންނެވިން މި މަސައްކަތް ކޮއްލަން އެބަޖެހެއޭ، ދެން އެދުވަހު އެވަގުތުން ފެށިގެން އެ މަސައްކަތްކޮށްދެއްވި، ފަހަރެއްގައި ވެދާނެ ކުޑަކުޑަ ކަމަކަށް، ކުޑަކުޑަ މަސައްކަތަކަށް ވެދާނެ، މިއީކީ އެކަމަކު ހަޖޫޖަހާކަހަލަ ކަންތައްތަކެއް ނޫން،" ނައިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާޏު ވިދާޅުވީ އެއީ ވެސް ވަރަށް މުހިންމު ކަމެއްކަމަށާއި، ކަމެއް މުހިންމުވަނީ ކަންތައްތައް ބޮޑެތި ކަންތައް ތަކަކަށް ވެގެންނެއްނޫން ކަމަށެވެ.

"ވަރަށް ކުދި ކަންތައްތައްވެސް ވެދާނެ ވަރަށް މުހިންމު ކަންތައްތަކަށް، އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތަށް ހަޖޫޖަހާ އެއްވެސް ބޭފުޅަކު ވާހަކަ ދެއްކުމަކީ އެ ފަރާތްތަކަށް ކުރެވޭ މަލާމާތެއް،" ނައިބު ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުގައި ކޮންމެ ކަމެއްވެސް މުހިންމުވާކަމަށާއި، ކުދިކުދި ކަންތައްތަކާއި، ބޮޑެތި ކަންތައްވެސް މުހިންމުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ ރާއްޖޭގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ރާއްޖެ ހިންގަން ބޭނުންފުޅާ ގޮތްކަމަށް ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރައީސް ޞާލިޙްގެ ދައުރު ނިމޭއިރު، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭނުންވާ އަސާސީ ޙިދުމަތްތައް ފުރިހަމަކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، ކުޑަ ރަށަކަށް ބޭނުންވާ ޕްރޮޖެކްޓްތައް ކުޑަވި ނަމަވެސް، ބޮޑު ރަށަކަށް ބޭނުންވާ ޕްރޮޖެކްޓްތައް ބޮޑުވާނެކަމަށާއި، އެހެން ނަމަވެސް ބޮޑު ރަށެކޭ އެއްވަރަށް ކުޑަ ރަށުގެ މީހުންނަށްވެސް ބޭނުންވާ އަސާސީ ޙިދުމަތްވެސް ބޮޑު ރަށުގެ މީހުންނެކޭ އެއްމިންވަރަށް ކުޑަ ރަށުގެ މީހުންނަށްވެސް މުޙިއްމުވާނެކަން ނައިބު ރައީސްގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވިއެވެ.