ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުންގެ ސެންޓްރަލް ޕޮލިސިން ކޮމާންޑުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އޮޕަރޭޝަންގެ ކޮމާންޑަރުން ކަނޑައަޅައިފިއެވެ.

އެގޮތުން ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ސެކިއުރިޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އަޒްހާންއެވެ. ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުލް މަތީން އަބްދުލް ކަރީމްއެވެ.

Ad
rt

އޭގެ އިތުރުން ފީލްޑް ކޮމާންޑަރުންގެ ގޮތުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސޮބާޙްއާއި، އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ލުތުފީގެ އިތުރުން، އިންސްޕެކްޓަރ އޮފް ޕޮލިސް ސަޢީދު އަބްދުލް ހަކީމް ވަނީ ކަނޑައަޅާފައެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ސާފް ޗެމްޕިއަންޝިޕް މުބާރާތާއި ގުޅިގެން ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަށް އިދާރީ ގޮތުން ވާންޖެހޭ ތައްޔާރީތައް މިހާރު ނިމިފައިވާކަމަށް ހާމަކޮށްފައިވެއެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް މިއަހަރު ރާއްޖޭގެ ވެރިރަށް މާލޭގައި ކުރިއަށްދާއިރު، މުބާރާތުގެ ފުރަތަމަ މެޗް މާދަމާ އޮންނާނެއެވެ. އަދި އަންނަ މަހުގެ 16 އާއި ހަމައަށް މުބާރާތް ކުރިއަށްދާނެއެވެ.