ހއ. މާރަންދޫ ކައުންސިލާއި، މާރަންދޫ ސްކޫލް ގުޅިގެން "އެންމެން އެކުގައި އާ މާރަންދޫއަކަށް" ނަމުގައި ހޭލުންތެރިކުރުވުމާއި، ހުނަރުވެރިކުރުވުން އަދި މަޢުލޫމާތު ތާޒާކޮށް ދިނުމުގެ ޕްރޮގްރާމް މިރޭ ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މި ޕްރޮގްރާމަކީ ހޭލުންތެރިކަން އިތުރުކޮށް، ހުނަރު ލިއްބައިދީ އަދި މައުލޫމާތު ތާޒާ ކުރުމުގެ ޚާއްޞަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ދާނީ މިރެއިން ފެށިގެން މިފެށޭ އޮކްޓޯބަރުމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް މާރަންދޫ ސްކޫލްގައެވެ.
މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫން "ތިލަދުން"އަށް ވިދާޅުވި ގޮތުގައި މި ޕްރޮގްރާމްގެ ދަށުން ސެޝަންތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ގްރޫޕްތަކަށް ބަހާލައިގެންނެވެ.
މާރަންދޫ ސުކޫލްގެ ޕްރިންސިޕަލް އަބްދުލް މަޖީދު މުޙައްމަދު ވިދާޅުވީ މިފަދަ ބޭނުންތެރި ޕްރޮގްރާމެއް މާރަންދޫ ސްކޫލް އާއި މަރާންދޫ ކައުންސިލް ގުޅިގެން ރަށުގެ ގިނަބަޔަކަށް ބައިވެރިވެވޭގޮތަ މިފަދަ ސްކޭލް އެއްގައި މި ޕްރޮގްރާމް ބޭވިގެންދާތީ އެކަމަށް ވަރަށް އުފާ ކުރާ ކަމަށެވެ. އަދި މިކަމުގައި ޝާމިލްވާ ހުރިހަ އެންމެނަށް މަރުހަބާ އަދި ޝުކުރު ދަންނަވާކަމަށެވެ.
މާރަންދޫ ސްކޫލްގެ މުދައްރިސުންނަށާއި، ގްރޭޑް 6 އިން މަތީގެ ދަރިވަރުންނަށާއި އަދި ބެލެނިވެރިންނަށް ވަކިން ސެޝަންތައް ކުރިއަށް ގެންދާނެއެވެ. މީގެއިތުރުން އެރަށުގެ ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށާއި އަދި ޖަމިއްޔާތަކުގައި އިސްކޮށް މަސައްކަތްކުރާ މީހުންނަށް ވެސް ސެޝަންތައް ކުރިއަށް ގެންދާނެއެވެ.
ޓީޗަރުންނަށް "ތާޒާވެލަމާ" މިނަމުގައި ކުރިއަށް ގެންދާ ސެމިނަރ ގައި ކިޔަވައި ދިނުމުގެ މޮޅު ހުނަރުތައް ކުރިއެރުވުމާއި ބެހޭގޮތުން މަޢުލޫމާތު ހިއްސާކުރެވޭނެއެވެ. ދަރިވަރުންނަށް "އުގެނެން ތައްޔާރު" ކިޔެވުމުގެ މޮޅު ހުނަރުތައް ކުރިއަރުވާނެ ގޮތް ކިޔައިދޭއިރު "ފިސާރި ބެލެނިވެރިން" މިނަމުގައި ބެލެނިވެރިކަމުގެ މޮޅު ހުނަރުތައް ކުރިއަރުވާނެ ގޮތް ބެލެނިވެރިންނާއި ހިއްސާކުރާނެ އެވެ. އޮފީސް އަދި އެންޖީ އޯތަކުގެ މުވައްޒަފުންނަށް ކުރިއަށް ގެންދެވޭ ސެމިނަރ ގެ ނަމަކީ "ޒިންމާދާރު ބޮޑުން" ނެވެ.
މި ޕްރޮގްރާމްގެ މުދައްރިބުންނަކީ ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސާ އަދި ސިވިލްސާވިސް ކޮމިޝަންގެ ކުރީގެ ރައީސް ޢަލީ ސަމީމްއާއި، ގާނޫނީ ވަކީލު އަލީ ރަޝީދެވެ.
ޑރ. ޝަމީމް އަކީ މެނޭޖްމަންޓް އާއި ޕޮލިޓިކަލް ސައެންސް ގެ ދާއިރާއިން ޑަބަލް މޭޖަރެއްގެ ގޮތުން ބެޗިލާރސް ޑިގުރީ ހާޞިލްކޮށް، ޕޮލިޓިކަލް ސައެންސް ގެ ރޮގުން މާސްޓާރސް ހަދައި، އަދި އިންޓަރނެޝަނަލް ޝްޓަރޑީސްގެ ދާއިރާއިން ޕީއެޗްޑީ ހާޞިލްކޮށްފައިވާ މީހެކެވެ. އަބަދުވެސް ކިޔަވާދިނުމާއި، މީހުންހޭލުންތެރިކުރުމުގެ މަސައްކަތުގައި މަސައްކަތްކުރަމުންދާ ޚިދުމަތްތެރިއެކެވެ.
ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރެއްވި އަލްއުސްތާޛް ޢަލީ ރަޝީދަކީ، ޤާނޫނީ ވަކީލެއްގެ އިތުރުން ތަޙުޤީޤީ ދާއިރާގައްޔާއި، ވާހަކަދެއްކުންތެރިކަމުގެ ފަންނުގައި ފާހަގަ ކޮށްލެވޭ ފަދަ ބޭފުޅެކެވެ. ޒުވާންކަމުގެ ދުވަސްތައް ގުނުއްވަމުން ގެންދެވި ނަމަވެސް، އިޖުތިމާޢީ ދާއިރާގައި އޒ. ޢަލީ ރަޝީދުގެ ޚިދުމަތަކީ ޤައުމީ ފެންވަރުގައި ގުނައިލެވޭ ފަދަ ޚިދުމަތެކެވެ. އިޖުތިމާޢީ ޚިދުމަތުގެ ފަންނުން މާސްޓަރޒް ޑިގްރީ ހާސިލުކުރައްވަމުން ގެންދަވާ އޒ. ޢަލީ ރަޝީދަކީ، ދެނެވަޑައިން ހުންނެވި ކޮންމެ ޢިލްމަކުންނާއި ފަންނަކުން، ފުރާވަރުގެ އުމުރުން ފެށިގެން ވެސް ހިލޭ ސާބަހަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!