ބޯޓު ދަތުރުކުރާ ފަރާތްތަކާއި ޕޯޓުތަކުގެ ޙިދުމަތްތެރިން ކޯވިޑްގެ ބަލިމަޑުކަމުގައި ކުރި ދަތި އުނދަގޫ މަސައްކަތުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ޚާއްސަ ޝުކުރެއް ދަންނަވައިފިއެވެ.

މިނިސްޓަރު ނަހުލާ ކަނޑު ދަތުރުފަތުރުގެ ސިނާޢަތުގައި ޝާމިލްވާ އެންމެހައި ފާރާތްތަކަށް ޝުކުރު އަދާކުރައްވާފައި ވަނީ ދުނިޔޭގެ ކަނޑު ދަތުރުފަތުރު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.

Ad
rt

މިނިސްޓަރުގެ ހިތާބުގައި ބައިނައްލަޤްވާމީ ކަނޑުދަތުރުފަތުރާބެހޭ ޖަމިއްޔާ އިންޓަރނޭޝަނަލް މެރިޓައިމް އެސޯސިއޭޝަން (އައި.އެމް.އޯ) ވުޖޫދުވެގެން އައިސްފައިވަނީ 17 މާރިޗް 1948 ގައި ކަމަށް ވިދާޅުވެ، ދިވެހިރާއްޖެއިން މިޖަމިއްޔާގެ މެމްބަރަކަށްވެފައިވަނީ 31 މެއި 1967 ގައި ކަން ފާހަގަ ކުރެއްވާފައި ވެއެވެ.

ފުރަތަމަ ފަހަރަށް އައި.އެމް.އޯއަށް ދިވެހިރާއްޖޭގެ ފަރާތުން ދާއިމީ މަމްދޫބެއް ކަނޑއަޅިގެންދިއައީ 6 ޖުލައި 2021 ގައި ކަން ފާހަގަކުރައްވައި، ކަނޑުދަތުރުފަތުރު މެދުވެރިކޮށް މުދަ އުފުލުމަކީ ފާއިތުވެރިދިއަ އެތައްހާސް އަހަރެއްގެތެރޭގައި ދުނިޔޭގެ ވިޔަފާރީގެ މައިބަދަ ކަމުގައި ވެގެންގޮސްފައިވާކަމަށާއި، ދުނިޔޭގެ ވިޔަފާރީގެ 90 އިންސައްތަ މުދާ އެއްބައްރުން އަނެއް ބައްރަށް އުފުލުމަށް ބެނުންކުރެވޭ އެންމެ އިތުބާރުކުރެވޭ ޚަރަދުކުޑަ ވަސީލަތަކީ ކަނޑުމަގުން މުދާ އުފުލުންކަން އެކަމަނާ ފާހަގަ ކުރައްވާފައި ވެއެވެ.

އިޤްތިޞާދީ މަންފާ ޤައުމީ އަދި ފަރުދީ ފެންވަރުގައި ލިބި ފުދުންތެރި އިޤްތިޞާދެއް ބިނާކުރުމަށް މިކަމުން އެހީތެރިކަން ލިބޭކަން ފާހަގަ ކުރައްވަމުން ކޯވިޑްގެ ބަލިމަޑުކަމުގައި ބޭހާއި، ކާބޯތަކެތި އަދި ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ބޭނުންވާ ތަކެތި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް ބޯޓު ދަތުރުކުރާ 2 މިލިއަނެއްހާ މީހުން ކުރި ބުރަ މަސައްކަތާއި ވީ ޤުރުބާނީ ފާހަގަވެގެން ގޮސްފައިވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

އައި.އެމް.އޯގެ އެދުމުގެ މަތިން އިންސާނިޔަތަށް ޙިދުމަތް ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ބަނދަރުތަކާއި ބޯޑަރު ހުޅުވައި ޙިދުމަތްދޭން ފެށީ ކޮވިޑްގެ އެންމެ ދަތި ދުވަސްވަރުގައިކަން ވެސް މިނިސްޓަރު ނަހުލާ ވަނީ ފާހަގަކުރައްވާފައެވެ.

ބައިނައްލަޤްވާމީ ކަނޑުދަތުރުފަތުރާއި ބެހޭ ދުވަހަށް މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ސީފެއަރާސް އެޓް ދަ ކޯ އޮފް ޝިޕިންގ ފިއުޗަރ"އެވެ. އެހެންކަމުން މިސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި މިކަމުގައި ބޭނުންވަނީ ތަޢުލީމީ ތަޖުރިބާ ލިބިފައިވާ ޤާބިލް މީހުން އުފެއްދުންކަމުގައި ވިދާޅުވިއެވެ.

އެހެންކަމުން މިދާއިރާއަށް ބޭނުންވާ މީހުން އުފެއްދުމަށްޓަކައި ޤައުމީ ޔުނިވަރސިޓީއާއި އެކު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފައިވާކަމަށާއި، މި އެމް.އޯ.ޔޫގެ ދަށުން ޑެކް އޮފިސަރުންނާއި އިންޖީނު އޮފިސަރުން ތަމްރީން ކުރެވިގެންދާނެކަން ފާހަގަ ކުރެއްވިއެވެ. އަދި މިކަމުގެ ބޭނުމަކީ ޒުވާނުންނަށް މިދާއިރައަށް ވަނުމަށް ހިތްވަރުދިނުމާއި މިކަމަށް މިދާއިރާގައި ހުރި ފުރުސަތުތައް ބުނެދިނުންކަން ފާހަގަ ކުރެއްވިއެވެ.

ދުނިޔޭގެ ކަނޑު ދަތުރުފަތުރު ދުވަސް މިއަދު ފާހަގަ ކުރެވެންދާއިރު، ބޯޓު ދަތުރުފަތުރު ކުރާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށްދޭނެ ބިލެއް ތައްޔާރުކުރުމުގެ މަސައްކަތް ސަރުކާރާއި ސީފެއަރާސް ރައިޓްސް އިންޓަރނޭޝަނަލް (އެސް.އާރު.އައި) އާއި ގުޅިގެން ކުރެވެމުން އަންނަކަމަށް ޓްރާންސްޕޯރޓް މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ. އަދި މިއަދު އިންޑިއާއާއި އެކު ލޯންގް ރޭންޖް އައިޑެންޓިފިކޭޝަން އެންޑް ޓރެކިންގ (އެލް.އާރު.އައި.ޓީ) އެއްބަސްވުމުގައި ސޮއިކުރެވި، މި އެއްބަސްވުމުގެ ދަށުން އެކަމަށް ޚާއްސަ ޕޯޓަލެއް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނޑުތައް ޓްރެކް ކުރުމުގެ ޙިދުމަތް 24 ގަޑިއިރަށް ލިބިގެންދާނެއެވެ.

މިސިނާޢީ މަސައްކަތުގައި ދިމާވާ ހުރަސްތަކާއި ގޮންޖެހުންތައް ނައްތާލުމަށްޓަކައި އަދި މަސައްކަތްތައް ކުރިއެރުވުމަށްޓަކައި ބޭޏުންވާ ކަންތައްތައް ދެނެގަތުމަށް މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއިއެކީ ގާތް ގުޅުމެއް ބާއްވައި ކަންކަމުގައި މަޝްވަރާކުރުމަކީ މުހިއްމު ކަމެއްކަން މިނިސްޓަރު ނަހުލާ ވަނީ ފާހަގަކުރައްވާފައެވެ.