މުބާރާތަށް 3 ޓީމެއް ރާއްޖެ އަތުވެއްޖެ

Srilankan national football team

އަންނަ ހުކުރު ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ 3 ގައުމެއްގެ ގައުމީ ފުޓުބޯޅަ ޓީމުތައް ރާއްޖެ އައިސްފިއެވެ.

މިގޮތުން ފުރަތަމަ އައިސްފައި ވަނީ ނޭޕާލްގެ ގައުމީ ޓީމެވެ. އެ ޓީމް އައީ އިއްޔެއެވެ. އޭގެފަހުން މިއަދު ސްރީލަންކާއާއި، އިންޑިއާގެ ގައުމީ ޓީމު ވެސް ވަނީ ރާއްޖެ އައިސްފައެވެ.

އަންނަ މަހު 1-16 އަށް މާލޭގައި ބޭއްވުމަށް ނިންމާފައިވާ މި މުބާރާތުގައި ވާދަކުރާނީ ރާއްޖޭގެ އިތުރުން އިންޑިއާ، ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލް އެވެ. ފައިނަލަށް ހޮވޭނީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި އެއްވަނަ ދުވަހުގެ ހަވީރު ލަންކާ ނުކުންނާނީ ބަންގްލަދޭޝް އާއި ދެކޮޅަށެވެ. އަދި އެރޭ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ނޭޕާލް ނުކުންނާނީ ރާއްޖެ އާއި ދެކޮޅަށް 21:00 ގައެވެ.

މި މުބާރާތުގެ ޓިކެޓު ބުދަ ދުވަހު ވިއްކަން ފަށާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ބުނެފައެެވެ. މިގޮތުން އެފްއޭއެމް އިން ބުނިގޮތުގައި ބުދަ ދުވަހު ހެނދުނު 10:00 އިން ފެށިގެން ގަލޮޅު ރަސްމީ ދަނޑުން ވިއްކާނީ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ ދުވަހު ކުޅޭ ދެ މެޗުގެ ޓިކެޓުތައް ކަމަށެވެ. އަދި ކޮންމެ "މެޗު-ޑޭ" އެއްގެ ޓިކެޓުތައް ވެސް ވިއްކާނީ އެ "މެޗު-ޑޭ"އެއްގެ ކުރިން ކަމަށެވެ.

ރާއްޖެ ކުޅޭ މެޗުތަކުގެ ޓިކެޓު ކޮންމެ "މެޗު-ޑޭ"އެއްގެ ކުރިން ވިއްކާނީ އޮލިމްޕަސް ކުރިމައްޗަށް އިންނަ ޓިކެޓު ކައުންޓަރުންނެވެ.

މީގެއިތުރުން ޓިކެޓް ގަންނަން އަންނަ ފަރާތަކީ ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވާ ފަރާތަކަށް ވުން އެފްއޭއެމް އިން ވަނީ މަޖުބޫރުކޮށްފައެވެ. އަދި މެޗު ބަލަން ދަނޑަށް ވައްދާނީ ވެސް ވެކްސިން ކާޑު ހިފައިގެން އައުމުންކަމަށް އެފްއޭއެމްއިން ވަނީ ނިންމާފައެވެ.

ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މުބާރާތް ބާއްވާފައި ވަނީ، 1993 ވަނަ އަހަރު ޕާކިސްތާނުގައެވެ. އެ މުބާރާތް ކުޅުނީ ސާކް ގޯލްޑް ކަޕްގެ ނަމުގައެވެ. މި މުބާރާތް ސާފް ޗެމްޕިއަންޝިޕުގެ ނަމުގައި ބާއްވަން ފެށީ 1997 ވަނަ އަހަރު އެވެ.

މިހާތަނަށް 12 ފަހަރު ބާއްވާފައިވާ މި މުބާރާތުގެ އެންމެ ކާމިޔާބު ގައުމަކީ 7 ފަހަރު ތަށި ހޯދާފައިވާ އިންޑިއާ އެވެ. ރާއްޖެ މި މުބާރާތުގެ ތަށި 2 ފަހަރު ހޯދާފައިވާއިރު، ބަންގްލަދޭޝް، އަފްގާނިސްތާން އަދި ސްރީ ލަންކާ، މީގެ ތެރެއިން ކޮންމެ ގައުމަކުން ވަނީ އެއް ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި