ލާމަރުކަޒީ އުސޫލުން ފުލުހުންގެ ޚިދުމަތް ދިނުމުގެ ގޮރުން، ރާއްޖޭގެ ހުރިހާ ރީޖަން ތަކަކަށް ކޮމާންޑަރުން އައްޔަން ކުރައްވައިފި އެވެ.
އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންގެ ރީޖަނަލް ކޮމާންޑަރުން އައްޔަން ކުރައްވާ އެބޭފުޅުންނަށް މަޤާާމުގެ ލިއުން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރުގެ އިތުރުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދުގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން ބައިވެރިވެލެއްވި ކަމަށް ފުލުހުން ހާމަކުރެއްވި އެވެ.
އެގޮތުން، އުތުރުގެ ރީޖަން ތަކުގެ ތެރެއިން ހއ، ހދ އަދި ށ އަތޮޅު ހިމެނޭ މަތި އުތުރު ރީޖަންގެ ކޮމާންޑަރަކަށް އައްޔަން ކުރައްވާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝިހާމް އެވެ. ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭ ސަރަހައްދު އުތުރު ރީޖަންގެ ކޮމާންޑަރަކަށް އައްޔަންކުރައްވާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީ އެވެ.
މީގެ އިތުރުން، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ސަޠީޙް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ރަޝީދު އަދި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝަމީމް ވަނީ މެދުރާއްޖެތެރެއާއި ދެކުނުގެ 3 ރީޖަންގެ ކޮމާންޑަރުންގެ ގޮތުގައި ހަމަޖައްސާފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތް މުޅިރާއްޖޭގައި އިންތިޒާމްވެގެންވާ 6 ސަރަހައްދެއް ކަނޑައަޅުއްވާފާވައިރު ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ބަޔާންކުރާ ފުލުހުންގެ ހިދުމަތް، ލާމަރުކަޒީ އުސޫލުން ދިނުމަށްޓަކައި އެ ޙިދުމަތް އިދާރީގޮތުން އިންތިޒާމުކުރެވިގެންވާ ގޮތް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޝްވަރާގެ މަތިން ކަނޑައަޅުއްވާނީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިން ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
މީގެ ކުރިން ފުލުހުންގެ ޚިދުމަތް ދެމުން އައީ ކެޕިޓަލް ޕޮލިސް، މާލެ ސަރަހައްދު ހިމެނޭހެން 7 ޑިވިޝަން އަކަށް ބަހާލައިގެންނެވެ. ނަމަވެސް، މިހާރުގެ 6 ރީޖަންގެ ގޮތުގައި ކަނޑައަޅާފައިވަނީ ކުރިން އިންނަ ސެންޓްރަލް ޕޮލިސްގައި ހިމެނޭ އަތޮޅުތައް ސައުތު ސެންޓްރަލް ޕޮލިހާއި އެއްކޮށްލުމަށްފަހު ސެންޓްރަލް ޕޮލިސް ޑިވިޝަން އުވާލުމަށްފަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!