ހއ. އަތޮޅުގެ ރަށު ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަންތަނުންނާއި ތަކެތިން ގަވަރމެންޓް ރޭޓުން ބިލްކުރާކުރުން ޑޮމެސްޓިކް ރޭޓަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އަށް ހުށަހަޅަން ހއ. އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

މި ގޮތަށް އެދުމަށް ނިންމާފައިވަނީ ހއ. އަތޮޅު ކައުންސިލް މެންބަރު، މުރައިދޫ ކައުންސިލްގެ ރަޢީސް ޢަލީ ޝިނާން ހުށަހަޅުއްވާފައިވާ "ޤާނޫން ނަންބަރު: 4/96 އާންމު ބޭނުންތަކުގެ ޚިދުމަތާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާ އާ ގުޅޭގޮތުން ކައުންސިލްގައި މަޝްވަރާ ކުރުމަށް ހުށަހަޅާފައިވާ މައްސަލައަށް މަޝްވަރާކޮށް ގޮތެއް ނިންމުމަށް" އެޖެންޑަރކޮށް މެންބަރުންގެ މެދުގައި ނެގުނު ވޯޓަކުންނެވެ.

Ad
rt

މި ބައްދަލްވުމުގައި މެންބަރ ޝިނާން ހުށަހަޅުއްވާފައިވާ މައްސަލައަކީ ރަށު ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކާއި، މަގުބައްތިތަކާއި، ބަނދަރު ބައްތިތަކާއި، ކައުންސިލް އިދާރާ އާއި ކުޅިވަރުކުޅޭ ދަނޑުތަކުން ގަވަރމަންޓު ރޭޓުން ބިލްކުރާކުރުން ޑޮމެސްޓިކް ރޭޓަށް ބަދަލުކޮށް ދިނުމަށް އެދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއަޔާއަށް ހުށަހެޅުމަށެވެ.

މެންބަރު ޝިނާން ހުށަހަޅާފައިވާ މި މައްސަލައާއި މެދު ކައުންސިލް މެންބަރުންގެ މެދުގައި ނެގުނު ވޯޓުގައި ހއ. އަތޮޅު ކައުންސިލްގެ ހުރިހާ މެންބަރުން ވަނީ ފެންނަކަމަށް ވޯޓު ދެއްވާފައެވެ.

އެ ކައުންސިލްގެ 15 މެންބަރުންގެ ފުރިހަމަ އަގުލަބިއްޔަތުން އެ މައްސަލަ ފާސްވެފާވާއިރު، މިކަމާމެދު ގޮތެއް ނިންމެވުމަށް ވޯޓަށް ހުށަހެޅީ ކައުންސިލްގެ މެންބަރ، ތުރާކުނު ކައުންސިލްގެ ރައީސް ޢަލީ ޢަބްދުއްލަޠީފް އެެވެ. އަދި މި ކަމަށް ތާއިދު ކޮށްފައިވަނީ ކައުންސިލްގެ މެންބަރ، ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު އެވެ.