ހއ. ދިއްދޫ، ހިމާލިޔާ، މުޙައްމަދު ޝިޔާމްގެ ދެ ކިޑްނީ ފެއިލްވެފައި ވަނީ 2016 ޑިސްމްބަރ މަހު ސިސްޓެމިކް ލޫޕަސް އެރިތުމަޓޯސަސް ނަމަކަށް ކިޔާ ބައްޔަކަށް ޑައިގްނޯސްކުރެވި ފަރުވާކުރަމުން ދަނިކޮށެވެ. ދެ ކިޑްނީ ފެއިލްވެފައިވާކަން ޔަޤީންވެގެން ގޮސްފައި ވަނީ މި އަހަރުގެ ޖަނަވަރީ މަސްތެރޭ ހެދި ޓެސްޓްތަކުންނެވެ.

އެ ބަލީގެ ސަބަބުން ދެ ކިޑްނީ ފެއިލްވެ ޝިޔާމް މިހާރު އަންނަނީ ހަފްތާއަކު ތިންފަހަރު ޑައިލިސިސް ހަދަމުންނެވެ.

Ad
rt

މަޢުލޫމާތު ލިބިފައިވާ ގޮތުގައު ޝިޔާމްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށްޓަކައި ބޭނުންވާ ކިޑްނީ މިހާރު އެ ޢާއިލާގެ ތެރެއިން ވަނީ ހަމަޖެހިފަ އެވެ. ފައިސާގެ ކަންކަން ހަމަޖެހުންހާ އަވަހަކަށް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށްޓަކައި އިންޑިއާގެ ބެންގަލޯގައި ހުންނަ އެން ޔޫ ހޮސްޕިޓަލަށް ދިއުމަށް ޝިޔާމް މިހާރު ވަނީ ތައްޔާރުވެފައެވެ.

ނަމަވެސް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށާއި އަދި އެތަނުގައި ގިނަދުވަސްތަކެއް ވަންދެން މަޑުކުރަންޖެހޭތީ، އެކަމަކީ ބޮޑު ޚަރަދެއް ހިންގާނެކަ ކަމަކަށް ވީ ހިނދު އެ އާއިލާއަށް މިވަގުތު ބޭނުންވަނީ އެކަން ކުރާނެ މާލީ އެހީތެރިކަމަވެ.

ޝިޔާމްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޕޮލިސް ސްޓޭޝަން ގުޅިގެން "ހެލްޕް ޝިޔާމް ފޯ ކިޑްނީ ޓްރާންސްޕްލާންޓް" ނަމުގައި ފަންޑްރައިޒިންގެ ޙަރަކާތްތަކެއް ހިންގުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. އެ އިވެންޓް އޮކްޓޯބަރ މަހުގެ 7،8،9 (ބުރާސްފަތި، ހުކުރު، ހޮނިހިރު) ތިން ދުވަހު ކުރިއަށް ގެންދިޔުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.

އެ ރަށުގެ ތިން ސަރަހައްދެއްގައި، ތިން ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި އިވެންޓްގުޅޭ ޓީޝާރޓް، ތޮފި ، މާސްކް އަދި ކަޕް ކޭކް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ އެ ރަށުގެ ބޮޑުމަގުގެ ދެ ކޮޅާއި ފްލެޓް ސަރަހައްދެވެ.

އެ ހަރަކާތުގައި ވިއްކުމަށް ހަމަޖެހިފައިވާ ތަކެތި ވިއްކައިގެން ލިބޭ ފައިސާ "ހެލްޕް ޝިޔާމް ފޯ ކިޑްނީ ޓްރްންސްޕްލާންޓް" ފަންޑަށް ހަދިޔާ ކުރުމަށްވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މި ހަރަކާތުގެ ތެރެއިން ސަރުކާރުގެ މުއައްސަސާތަކުންނާއި ކުންފުނިތަކުންނާއި ވިޔަފާރިވެރިން އަދި ޖަމިއްޔާތަކުގެ ނަމުގައި ވެސް ހެލްޕް ޝިޔާމް ފޯ ކިޑްނީ ޓްރާންސްޕްލާންޓް" ފަންޑަށް އެހީވެވޭނެ ކަމަށް ވެސް އެ ކުލަބުން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން އެ ފަންޑަށް އޮންލައިންކޮށް ފައިސާ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން 08 އޮކްޓޯބަރ 2021 ގެ ނިޔަލަށް އެ ކުލަބުގެ ރަސްމީ ބޭންކް އެކައުންޓަށް 7730000146358 ފައިސާ ފޮނުވަމުން ގެންދިޔުމަށް އެ ކުލަބުން ވަނީ އެދިލައްވާފައެވެ.