ރާއްޖެއާއި ދުރުން ބޭ އޮފް ބެންގޯލުގެ ހުޅަނގުއުތުރުގައި އުފެދިފައިވާ ތޫފާނު "ގުލާބު" މިރޭގެ ވަގުތެއްގައި އިންޑިޔާގެ އިރުމަތީ އައްސޭރި ހުރަސްކުރާނެ ކަމަށް ލަފާކުރެވޭކަމަށް ރާއްޖޭގެ މުސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ ބުނީ ރާއްޖެއާއި ދުރުން ބޭ އޮފް ބެންގޯލުގެ ހުޅަނގުއުތުރުގައި ވަނީ "ގުލާބު" ނަން ދީފައިވާ ތޫފާނެއް އުފެދިފައި ކަމަށެވެ.

Ad
rt

ތޫފާން "ގުލާބު" ހުޅަނގަށް ދަތުރުކޮށް، މިރޭގެ ވަގުތެއްގައި އިންޑިޔާގެ އިރުމަތީ އައްސޭރި ހުރަސްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ.

"ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭގެ އެކިހިސާބުތަކަށް ދަނީ ވައި ގަދަވެ ވިއްސާރަކުރަމުން. މިވިއްސާރަ ކުރިއަށް މިއޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބުތަކަށް ކުރަމުން ދާނެކަމަށް ލަފާކުރެވޭ. އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވަން." އެ އިދާރާއިން ވިދާޅުވެފަވެއެވެ.

ޚާއްސަކޮށް ކަނޑު ދަތުރު ކުރަށްވާ ފަރާތްތަކުންނާއި ހައިވޭ އަދި ބްރިޖްގައި ދަތުރުކުރާއިރު މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސް ކުރައްވައެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މޫސުން ގޯސްވެ، މިއަދު 08:39 ހާއިރު ކ. ތިލަފުށީ ހުޅަނގުދެކުނުން 04 ނޯޓިކަލް މޭލުން "ހޭންޑީ ކްރޫޒާ" ނަމަކަށް ކިޔާ ސަފާރީއެއް ވަނީ އަޑިއަށް ގޮސްފައެވެ.

މިއަދު ހެނދުނު ބޮލިފުށި ކައިރިން މާލެ އަށް ދަތުރު ކުރަމުން ދިޔަ މި ސަފާރީއަކަށް ދިޔަވެ، އަޑިއަށް ގޮއްސިފައިވާއިރު، މި ސަފާރީގައި 17 މީހަކު ދަތުރުކުރަމުން ދިޔައެވެ. އެ މީހުން މިހާރު ވަނީ އެމްއެންޑީއެފް ކޯސްޓް ގާޑުގައި މާލެ ގެނެސްފައެވެ. އޭގެ ތެރެއިން ހާލުބޮޑުވި 7 މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އޭގެތެރެއިން އެކަކު ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިއެވެ. ނިޔާވެފައި ވަނީ 41 އަހަރުގެ ބިދޭސީއެއްކަމަށް އެނގިފައިވެއެވެ.

މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.