ކޯވިޑް-19ގެ ސަބަބުން އަރާ ފޭބުން މަނާކޮށްފައި އޮތް ށ. މިލަންދޫ އާންމު ހާލަތަށް ގެނެސްފިއެވެ.

މިލަންދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ އާތިފް "ތިލަދުން"އަށް ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް އާންމު ހާލަތަށް ގެނައީ ރޭގެ ވަގުތެއްގައި ކަމަށެވެ.

Ad
rt

އަދި މިވަގުތު އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު 50އަށް ވުރެ ދަށްވެފައިވާ ކަމަށާއި، އެއީ މުޅިންވެސް ކުރީގެ ކޭސްތަކާއި ގުޅުންހުރި މީހުންކަމަށް އޭނާ ވިދާޅުވިއެވެ.

މިލަންދޫ މޮނިޓަރިން ހާލަތުން ވީއްލާފައި ވަނީ ރަށުގައި ބަލި ފެތުރިފައިވާ މިންވަރު ވަޒަންކުރުމަށް އެކިފަހަރުމަތިން ރެންޑަމް ސާމްޕަލްތައް ވެސް ނެގުމަށްފަހުއެވެ. އެރަށުގައި ރެންޑަމް ސާމްޕަލް ނެގުމަށް ދޮރުން ދޮރަށް ވެސް ހިނގިއެވެ.

މިލަންދޫ އާންމު ހާލަތަށް ގެނައުމާއި ގުޅިގެން އެރަށު ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކަށް ވެސް ލުއިދީފައިވާއިރު، އަދިވެސް ރައްކާތެރިކަމަށް އިސްދީގެން އުޅުން ބެހެއްޓުމަށް މިލަންދޫ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިލަންދޫ މޮނިޓަރިންނަށް ލާފައި ވަނީ 27 އޯގަސްޓް 2021 ގައެވެ. އެއީ 26 އޯގަސްޓް 2021 ގައި އެ ރަށު ފުލޫ ކުލިނިކަށް ދެއްކި ހަތަރު މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.

ހދ. ނޮޅިވަރަމް ވެސް މޮނިޓަރިންގަ އޮންނަތާ 28 ދުވަސް ފަހުން ރޭ ވަނީ އެ ހާލަތުން އެރަށް ވީއްލާފައެވެ.