ނޫސްވެރިންނަށް މުޒާހަރާތަކުގައި ވަމުންދާ އަނިޔާއާއި ގުޅޭ މަޝްވަރާތައް ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ބައްދަލުކޮށްފިއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަންގައި މިއަދު ކުރިއަށްދިޔަ މިބައްދަލުވުމުގައި އެކޮމިޝަންގެ ފަރާތުން ވަނީ މުޒާހަރާތައް ކަވަރުކުރުމަށް ހަރަކާތްތެރިވާ ނޫސްވެރިންނަށް ދިމާވަމުން އަންނަ އެކި ކަހަލަ ދަތިތަކާއި، އަދި ފުލުހުން ބާރުގެ ބޭނުން ކުރާ ވަގުތުތަކުގައި ނޫސްވެރިންނަށް ލިބޭ އަނިޔާތަކާއި ބެހޭ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މަޝްވަރާކޮށްފައެވެ.

Ad
rt

އަދި ނޫސްވެރިންނަށް މުޒާހަރާ ކަވަރު ކުރަން ހަރަކާތްތެރިވާނެ ގޮތްތަކާއި ބެހޭ ގޮތުން ތަމްރީން ޕްރޮގްރާމްއެއް ހިންގުމަށްވެސް މަޝްވަރާކޮށްފައިވެއެވެ.

މި ތަމްރީން ޕްރޮގްރާމުގެ އަލީގައި މުޒާހަރާ ކަވަރުކުރަން ދާ ނޫސްވެރިންނަށް މުޒާހިރާ ކަވަރުކުރަން ބޭނުންކުރާނެ މިންގަނޑާއި، އުސޫލުތައް އުނގަންނާދެވޭނެކަމަށް އެކޮމިޝަނުން ހާމަކޮށްފައިވެއެވެ.

ނިމިގެންދިޔަ ހަފްތާގައި އިދިކޮޅު ކޯލިޝަނުން ކޮށްފައިވާ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކުރުމުން ނޫސްވެރިނަށް އެކި، ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އަދި މިކަމާއި ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމް.އެމް.ސީ)އިންވަނީ އެމައްސަލަ ބެލުމަށް ކަމާއިބެހޭ އިދާރާތަކަށް ގޮވާލާފައެވެ.