ހދ. ނޮޅިވަރަންފަރުގައި އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ ކޯހެއް ފެށުމަށްޓަކައި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ކޯހަކީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކޯހެކެވެ.

Ad
rt

ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ނަޒްމީނާ އަޙްމަދު 'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ރަށުން ބޭރު ތަޖުރިބާކާރު ފެހުންތެރިއެއް ކަމަށެވެ.

އަދި މި ކޯސް އަންނަ މަހުގެ ތެރޭގައި ފެށިގެން ދާނެ ކަމަށާއި އެހެންނަމަވެސް ކޯސް ކުރިއަށް ގެންދަވާ ފަރާތް މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވުމުުގެ ސަބަބުން އަދި ފަށާނެ ވަކި ތާރީހެއް ޔަގީން ނުވާކަމަށްވެސް ނަޒްމީނާ ވިދާޅުވިއެވެ.

"މިފުރުޞަޠު އަޅުގަނޑުމެންނަށް ފަހިވާން މެދުވެރިވީ މިރަށަށް އާރުސީސީގެ ޗެއާމަން ކާނަލް ނާޒިމް މިފަހުން ވަޑައިގަތް ދުވަހު އަޅުގަނޑުމެން އޭނާއާއި ބައްދަލުކޮށް މި ކޯސް ހިންގަން އެހީތެރިކަމަށް އެދުނީ، ނާޒިމްއާއި އަޅުގަނޑުމެން ބައްދަލުކޮށްދިނީ އަޅުގަނޑުމެން އެދުމުން އަޅުގަނޑުމެންގެ ދާއިރާ މެންބަރު މޮސްޓާ، ނާޒިމް ވަނީ ކޯސް ކުރިއަށް ގެންދަވާ ފަރާތަށް އެކަމަށް ދޭންޖެހޭ އުޖޫރައެއް ދޭން އެއްބަސްވެވަޑައިގެންފައި، ދެން އެ ފަރާތުގެ ކެއުމާއި ހުރުމާއި އަދި މިކޮޅުގެ އެހެން އިންތިޒާމްތައް މިކުރަނީ އަޅުގަނޑުމެން ކޮމެޓީން، އެޔާއެކު ކައުންސިލް ވެސް ފުރިހަމައެއްބާރުލުން ދެއްވަމުންދަނީ، އަޅުގަނޑު މިފަރާތްތަކަށް ޝުކުރު އަދާކުރަން" ނަޒްމީނާ ވިދާޅުވިއެވެ.

15 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ނަންނޯޓު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އަދި ކޯހުގައި ބައިވެރިވެވޭނީ އެންމެ ފުރަތަމަ ނަންނޯޓު ކުރާ 30 ބައިވެރިންނަށެވެ.

އަދި ކޯހުގެ ފީ އެއްގެ ގޮތުގައި -/500 ރުފިޔާ ދައްކަންޖެހޭއިރު ބައިވެރިން ކޯހަށް ހާޒިރުވާއިރު ގެންނަންޖެހޭނީ އަމިއްލަ ފަހާފޮށި އަދި ކަތުރުކަމަށްވެސް އެ ކޮމިޓީން ވިދާޅުވިއެވެ. ބާކީ ހުރި ސާމާނު އެ ކޮމިޓީން ފޯރުކޮށްދޭނެ އެެވެ.

މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން ނަންނޯޓު ކުރެއްވުމަށް އެ ކޮމިޓީން ވަނީ އެދިލައްވާފައެވެ. އެގޮތުން، ކޮމިޓީގެ ރައީސް އަޒްމީނާ އަޙްމަދު 9534333 އަދި ކޮމެޓީގެ ނައިބް ރައީސް އައިޝަތު އިޙްސާނާ 9736697 އަށް ގުޅުއްވައިން ކޯހުގައި ނަންނޯޓު ކުރެއްވޭނެ ކަމަށް އެ ކޮމިޓީން ހާމަކުރެއްވިއެވެ.

ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް އަޒްމީނާ ވަނީ އެ ރަށު ކައުންސިލުން މި ކަމުގައި ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ. އަދި ކުރިއަށް އޮތްތާ އެ ކޮމިޓީގެ ފަރާތުން އެރަށުގައި ތަފާތު ހަރަކާތްތަށް ހިންގުމަށް ރޭވިފައި ހުރި ކަންވެސް އަޒްމީނާ ފާހަގަކުރެއްވިއެވެ.

އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ މި ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.