ތ. ހިރިލަންދޫ ސްކޫލްގެ ބެލެނިވެރިން އިހުތިޖާޖްތަކަށްފަހު ކުދިން ސްކޫލަށް ފޮނުވައިފިއެވެ.
އިއްޔެ އިންޓަވަލްގެ ފަހުން ކުދިން ސްކޫލަށް ފޮނުވުމަށް ބެލެނިވެރިން ނިންމާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއިން ސްކޫލްގެ އިމާރާތަށް ބަދަލު ގެނައުމަށް އެއްބަސްވެ އެކަމާއި ބެހޭ ބަޖެޓް ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ސިޓީއެއް ހުށަހެޅިކަމަށް ބުނުމާއި ގުޅިގެންކަމަށް މައުލޫމާތު ލިބިފަވެއެވެ.
ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް ރަށު ކައުންސިލްއަށް ލިބިފައިވާކަމަށް ކައުންސިލްއިން ބެލެނިވެރިންނަށް މަޢުލޫމާތުދީފައިވާކަމަށް ބެލެނިވެރިން ހާމަކޮށްފައިވެއެވެ.
އެޑިއުކޭޝަނުން އެއްބަސްވެފައިވަނީ މަލްޓިޕާޕަސް ހޯލްއަކާއި، 2 ބުރީގެ އިމާރާތެއް ސްކޫލްއަށްދޭނެކަމަށްބުނެއެވެ. މި އިމާރާތުގައި ހިމެނޭނީ ސްޓާފް ރޫމްއަކާއި ލައިބްރަރީއެއްގެ އިތުރުން އޮފީސް ބައެއްކަމަށް މަޢުލޫމާތުލިބިފައިވެއެވެ.
މީގެ ކުރިންވެސް 3 ބުރީގެ އިމާރާތެއް އެޅުމަށް އެޑިއުކޭޝަނުން ސްކޫލްއާއި މަޝްވަރާކޮށްފައިވާކަމަށް ބެލެނިވެރިން ހާމަކޮށްފައިވެއެވެ. ނަމަވެސް އިމާރާތްކުރުމަށް ބަޖެޓްނެތްކަމަށް އެޑިއުކޭޝަނުން ބުނަމުން އަންނަކަމަށްވެސް ބެލެނިވެރިން ބުނެފައިވެއެވެ.
ވާރޭ ވެހޭ ދުވަސްދުވަހު ސްކޫލްގެ ހާލަތު ހުންނަ ގޮތުން ދަރިވަރުންނަށް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހި ފާއިތުވި ހަފްތާގައި ހިރިލަންދޫގެ ބައެއް ބަލެނިވެރިން ނިކުމެ ސްކޫލްގައި ވަނީ ތަޅުއަޅުވާފައެވެ. ނަމަވެސް އެޑިއުކޭޝަނުން ސްކޫލްގެ އިމާރާތް ބަދަލްކުރުމަށް ފިނޭންސްއަށް ސިޓީ ފޮނުވިކަން ޔަޤީންވުމާއި އެކު ބެލެނިވެރިންވަނީ ކުދިން ސްކޫލްއަށް ފޮނުވަން ފަށާފައެވެ.
ހިރިލަންދޫގައި މިހާރު ކިޔަވައިދެމުން އަންނަ ސްކޫލްގައި ޖާގައިގެ ދަތިކަން ހުރި އިރު، ސްކޫލް ސްޓާފް ރޫމްގައި ހުންނަނީ އެންމެ ފާޚާނާއެއްކަމަށާއި، އެތަން ބޭނުން ކުރަން 50އަށް ވުރެ ގިނަ މުވައްޒަފުން ސްކޫލްގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ބައެއް ޓީޗަރުންވަނީ މަޢުލޫމާތުދެއްވާފައެވެ.
ސްކޫލް ހޯލްގައި ޕްރީ ސްކޫލް ކުދިން ކިޔަވަމުން އަންނަ އިރު، ވާރޭ ވެހޭ ދުވަސްދުވަހު ފުރާޅުން ފެން ލީކްވުމާއި، ކުޑަދޮރުތަކުން ކްލާސްރޫމްތަކަށް ފެން ވަދެ ކުދިންގެ ފޮތްތައް ތެމޭކަމަށް ބެލެނިވެރިން ބުނެފައިވެއެވެ. އަދި ކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލާ ބެލެނިވެރިންވަނީ ކެނޑިނޭޅި އިހްތިޖާޖްކޮށްފައެވެ.
އަންހެން ބެލެނިވެރިންގެ އިތުރުން ފިރިހެން ބެލެނިވެރިންވެސް ވަނީ އިހްތިޖާޖްގައި ވައިވެރިވެ އަޑުއުފުލާފައެވެ. ހިރިލަންދޫ ސްކޫލްގައި 200 އަށް ވުރެ ގިނަ ކުދިން އަންނަނީ ތަޢުލީމް ހާސިލްކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!