ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމުގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ.
އެ ކައުންސިލުން 21 ސެޕްޓެމްބަރ 2021 ގައި ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ އެ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ބަނދަރުގައި އެ ރަށުގެ ނަން ރަމުޒްކޮށްދޭ މޮނިއުމެންޓެއް އަމިއްލަ ތަކެތީގައި ހަދައިދިނުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާ ކަމަށެވެ.
މި މަސައްކަތާއިގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 29 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހު 10:00 ގައި އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި އިތުރަށް ބުނެފައި މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2021 ސެޕްޓެމްބަރ 28 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ނަންނޯޓް ކުރެއްވުމަށެވެ. ނަން ނޯޓް ކުރެއްވުމަށް ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރެޖިސްޓްރީގެ ކޮޕީ، އީމެއިލް އެޑްރެސް، މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ފަރާތުގެ ނަން، އައިޑީކާޑް ނަންބަރ އަދި ގުޅޭނެ ނަންބަރ info@nolhivaran.gov.mv މި މެއިލް އެޑްރެސްއަށް މެއިލް ކުރަށްވަމުން ގެންދިޔުމަށެވެ.
މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ހޯދަން ބޭނުންވެއްޖެ ނަމަ 2021 ސެޕްޓެމްބަރ 28 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ބަޔާންކުރެވި ދިޔަ މެއިލް އެޑްރެސްއަށް މެއިލް ކުރައްވަމުން ގެންދިޔުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. މި މަސައްކަތާއި ގުޅޭގޮތުން ހުށަހަޅަން ޖެހޭ އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ތާރީޚެއް ގޮތުގައި ކަނޑައަޅާފައި ވަނީ 10 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!