ށ. ފޭދޫ ކައުންސިލުން އެރަށުގެ ރައްޔިތުންގެ ހާލު ގާތުންބަލައި، ރައްޔިތުންގެ ހިޔާލު ހޯދުމަށް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް ފަށައިފިއެވެ.
މި ގޮތުން މިއަދު ފެށި މި ހަރަކާތުގެ އެންމެ ބޮޑު މަގްސަދަކީ، ރައްޔިތުންގެ ހާލުބަލައި، އެ ރައްޔިތުންނަށް ދިމާވާ ދަތިތައް އޮޅުން ފިލުވުމާއި، އަދި ކައުންސިލް ހިންގުންކަމަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުންކަމަށް ފޭދޫ ކައުންސިލުން ވިދާޅުވިއެވެ.
ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިސަމް "ތިލަދުން"އަށް ވިދާޅުވީ، މިއަދު ފޭދޫ ކައުންސިލުން ފެށި ހަރަކާތަކީ ނިމުނު ކައުންސިލް އިންތިޚާބުގައި ފޭދޫ ކައުންސިލަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓުން ވެފައިވާ އިންތިޚާބީ ވައުދަކާއެއްގޮތަށް ފެށި ހަރަކާތެއް ކަމަށެވެ.
"އަޅުގަނޑުމެން އިންތިޚާބުގައި ވައުދުވިން ރައްޔިތުންގެ އަޑު އަހައިގެން ވީހާވެސް ގާތުން މަސައްކަތްކޮށް ހެޔޮ ވެރިކަމެއް ކޮށްދޭނެ ކަމަށް، ދެން އަޅުގަޑާއެކު އެމްޑީޕީ ތިން މެންބަރުން މިވަނީ އިންތިޚާބުވެފައި، ދެން ތިއްބެވި ދެ މެންބަރުންވެސް މިކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ" ރައިޝަމް ވިދާޅުވިއެވެ.
ރައިސަމް ވިދާޅުވީ މިހަރަކާތުގެ ތެރެއިން ކައުންސިލްގެ މަސައްކަތްތަކާއި، ސަރުކާރުން ރަށުގައި ހިންގަވާ މަޝްރޫޢޫތަކާގުޅޭ އެންމެފަހުގެ މައުލޫމާތު ރައްޔިތުންނަށް ދޭނެއެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި، ކައުންސިލުން ރަނގަޅުކުރަންޖެހޭ ކަންތައްތައް ވެސް އޮޅުން ފިލުވާނެއެވެ.
މީގެއިތުރުން މި ފަހަރުގެ ދޮރުން ދޮރަށް ހިނގުމުގައި ރަށުގެ ލޭންޑް ޔޫޒު ޕްލޭނާގެޅޭ ގޮތުން ވެސް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދާނެ ކަމަށް ރައިސަމް ވިދާޅުވިއެވެ. އަދި ރަށުގެ ތަރައްގީގެ ޕްލޭން އެކުލަވާލާނީ ރައްޔިތުންދޭ ޚިޔާލާއެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފޭދޫ ކައުންސިލުން މިއަދު ފެއްޓެވި މިހަރަކާތުގެ ދަށުން އަހަރަކު 3 ފަހަރު އެރަށުގެ މީހުންއުޅޭ ހުރިހާ ގެއަކަށް ޒިޔާރަތްކުރަން ހަމަޖެހިފަވެއެވެ. އެރަށުގައި މީހުން ދިރިއުޅޭ 180 ވަރަކަށް ގޭބިސީ އެބަހުއްޓެވެ.
ފޭދޫ ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ ރައީސް ރައިސަމް ހިމެނޭހެން އެމްޑީޕީގެ އިތުރު ދެ މެންބަރުންނާއި އަދި އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ ދެ މެންބަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!