އިޓާލިއަން ސީރިއާ އޭގައި ހޮނިހިރު ދުވަހުގެ ރޭ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނާއި ބޮލޯނިއާ ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން އިންޓައިން ކާމިޔާބު ކޮށްފިއެވެ. މި މެޗު އިންޓައިން ކާމިޔާބު ކޮށްފައި ވަނީ 6-1 ގެ ނަތީޖާއަކުންނެވެ.
ލީގުގައި މިހާތަނަށް އަދި އިންޓަ ބަލިވެފައި ނުވާއިރު، މި މެޗުގައި ވެސް އެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގައި އިންޓައިން ފުރަތަމަ ލަނޑު ޖަހާފައި ވަނީ މެޗުގެ ހަވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މާޓިނޭޒްއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ދެ ލަނޑު އެ ޓީމުން ކާމިޔާބު ކޮށްފައިވާއިރު، ދެވަނަ ލަނޑު 30 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މިލާން ސްކީނިއާއެވެ. ތިންވަނަ ލަނޑު އޭގެ ހަތަރު މިނެޓް ފަހުން ކާމިޔާބު ކޮށްދީފައި ވަނީ ނިކޯލޯ ބަރެއްލާއެވެ.
މެޗުގައި އިންޓައިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 54 ވަނަ މިނޓުގައި މެތިއަސް ވެސިނޯ ކާމިޔާބު ކޮށްދިންއިރު، މެޗުގައި އިންޓައިން ކާމިޔާބުކުރި ފަސްވަނަ ލަނޑާއި ހަވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މި ސީޒަނަށް ރޯމާއިން އެ ޓީމަށް ގެނައި ބޮސްނިއާ ފޯވާޑް އެޑިން ޒެކޯއެވެ.
މި ނަތީޖާއާއި އެކު އިންޓަ މިލާން މިވަގުތު އޮތީ ލީގުގައި ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއި އެކު ތާވަލުގެ އެއްވަނާގައެވެ. ދެވަނާގައި މިވަގުތު ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިގެން އޮތީ ރޯމާއެވެ. މިރޭ ރޯމާއާއި ވެރޯނާ ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު ރޯމާއަށް އެބައޮތެވެ. މި މެޗުން ބަލިވި ބޮލޯނިއާ މިވަގުތު އޮތީ ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާއިއެކު އަށް ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!