އަލްޖީރިއާގެ ކުރީގެ ރައީސް އަބްދުލްއަޒީޒް ބޫތަފްލިކާ އަވަހާރަވެއްޖެއެވެ.
ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުން ބޫތަފްލިކާ އަވަހާރަވިކަން އަލްޖީރިއާއިން ހާމަކުރީ އިއްޔެއެވެ. އަވަހާރަވިއިރު އޭނާގެ އުމުރުފުޅަކީ 84 އަހަރެވެ.
އަބްދުލްއަޒީޒް ބޫތަފްލިކާ އަލްޖީރިއާގެ ރައީސްކަމަށް ވަޑައިގެންނެވީ 1999 ވަނަ އަހަރުއެވެ. އޭނާ ވަނީ ވިއްސަކަށް އަހަރު އެ ގައުމުގެ ވެރިކަން ކުރެއްވިއެވެ. ބޫތަފްލިކާގެ ވެރިކަން ނިމުމަކަށް އައީ އެމަނިކުފާނު 2019 ވަނަ އަހަރު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އެމަނިކުފާނު އިސްތިއުފާ ދެއްވަން މެދުވެރިވީ، ވެރިކަމުގެ 5 ވަނަ ދައުރަކަށް އެމަނިކުފާނު ގައުމުގެ ރައީސްކަމަށް ވާދަކުރެއްވުމަށް ނިންމެވުމުން އެ ނިންމުމާ ނުރުހުންވެ ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާކުރަން ފެށުމުން، އަސްކަރިއްޔާއިން ކުރިމަތިކުރި ޕްރެޝަރުގެ ސަބަބުންނެވެ.
ރައީސްކަމުން އިސްތިއުފާ ދެއްވުމަށްފަހު އެމަނިކުފާނު އާންމުންގެ ތެރެއަށް ނުކުމެވަޑައި ނުގަންނަވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ދިރިއުޅުއްވަމުން ގެންދެވީ، ވެރިރަށް އަލްޖިއާރސްގެ ހުޅަނގުގެ ހިސާބެއްގައި ހުންނަ ގެކޮޅެއްގައިކަމަށް ވެއެވެ.
އަބްދުލްއަޒީޒް ބޫތަފްލިކާ ވެރިކަމަށް ވަޑައިގެންނެވީ އަލްޖީރިއާގައި ހިނއިދިޔަ އެތައް އަހަރެއްވީ ދާޚިލީ ހަނގުރާމައަށްފަހުއެވެ. އެ ހަނގުރާމައިގައި 200،000 މީހުން މަރުވެދިޔައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!