ގދ. ތިނަދޫގައި އެމްޕީއެލުން ތަރައްގީކުރާ ޕޯޓުގެ ހިދުމަތް އަންނަ އަހަރު ފަށާނެ ކަމަށް އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

އެ ކުންފުނީގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ، އެމްޕީއެލުން އަބަދުވެސް މަސައްކަތްކުރަނީ އެކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް، ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށެވެ. އެގޮތުން އެކި ސަރަހައްދުތަކުގައި ގާއިމް ކުރާ ޕޯޓުތަކުން ވިޔަފާރިވެރިންނަށް ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

އެމްޕީއެލް އިން ޕޯަޓުތައް ތަރައްގީ ކުރާ ރަށްތަކުގެ ތެރޭގައި ކުޅުދުއްފުއްޓާއި އައްޑޫ ރީޖަނަލް ޕޯޓު އިތުރަށް ތިނަދޫ ޕޯޓު ހިމެނެއެވެ.

"ތިނަދޫ ރީޖަނަލް ޕޯޓެއް ގާއިމުކުރުމުގެ މަސައްކަތް ފެށި އެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައި. މި ޕޯޓުގެ ހިދުމަތް 2022 ވަނަ އަހަރު ފެށިގެންދާނެ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޕްރޮޖެކްޓް ކޮންސަލްޓެންޓާ އެމްޕީއެލްގެ ޓީމަކުން ބައްދަލުކޮށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ގުޅިފަޅަށް ޕޯޓު ބަދަލުކުރުމުން ބޮޑެތި ފަސޭހަތަކެއް ވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލް އިން ތިނަދޫ ޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ އަހަރުގައެވެ. މި މަޝްރޫއުގެ ދަށުން 4500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 3000 އަކަ މީޓަރުގެ ސަރަހައްދެއްގައި ރީއެންފޯސް ކޮންކްރީޓް އެޅުމާއި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 15 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.