ހދ .ނޮޅިވަރަންފަރުގައި ކުނި މެނޭޖުކުރާ މަރުކަޒު ޢިމަރާތްކޮށް ތަރައްޤީ ކޮށްދޭނެފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ.
މިކަމާއި ގުޅިގެން 16 ސެޕްޓެމްބަރ 2021 ގައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ މި ބާވަތުގެ މަސައްކަތް ކުރުމަށް ދިވެހިރާއްޖޭގައި ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ.
މި މަސައްކަތަށް އެދި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމާއި ބީލަމާއި ގުޅިގެން މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ 21 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުން ފެށިގެން 27 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ 12:00 އާއި ދެމެދު އެކަމަށް ހާއްޞަ ކުރެވިފައިވާ މެއިލް އެޑްރެހަށް މެއިލްކުރުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. މިގޮތުން މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 29 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ހުށެހެޅުމަށް ރަޖިސްޓރީ ކުރާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމުގައި އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް އަދި ބިޑް ފޯމް ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލް ކުރުމަށް ހަމަޖެހިފައިވާއިރު، ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 29 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ 11:00 ގައި ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާގައި ކަމުގައި އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
މި މަސައްކަތާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި އިތުރަށް ބުނެފައިވަނީ މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 20 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުން ފެށިގެން 27 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ 14:00 އާއި ހަމަޔަށް ލިބެން ހުންނާނެ ކަމަށާއި، އަދި މި މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައި ވާނެކަމަށެވެ.
ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން 11 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހުގެ 10:00ގައި އެ ކައުންސިލްގެ އިދާރާގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓާއި ބިޑް ފޯމް ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލް ކުރާނެ ކަމުގައި އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. މި މަސައްކަތާއި ގުޅޭގޮތުން ފޮނުވާ އެންމެހާ މެއިލްތައް ms@nolhivaranfaru.gov.mv އަށް ފޮނުވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!