ޑިމޮކްރަސީ ނެގެހެއްޓުމަށާއި ކުރާ ކޮންމެ ކަމެއްގައިވެސް ހަމަހަމަ އުސޫލުތައް ގެންގުޅުމާ އަޤްލަބިއްޔަތަށް ތަބާވުމުގެ މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމާ، އިލެކްޝަންސް ކޮމިޝަނުގެ ކުރިޔަށްއޮތް 5 އަހަރުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙް ކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ދުނިޔޭގެ ޑިމޮކްރަސީ ދުވަސް ފާހަގަކުރާއިރު އދގެ 76ވަނަ ސެޝަނުގެ ރިޔާސަތާ ރާއްޖޭގެ ފޮރިންމިނިސްޓަރ ޢަބުދުﷲ ޝާހިދު ހަވާލުވެވަޑައިގަންނަވާފައިވާކަން ފާހަގަކުރައްވައި މިއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަމާއި ރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް ބޮޑެތި ޤައުމުތަކުގެ ކުރިމަތީގައި ވެސް ރާއްޖެއަކީ މުހިންމު ޤައުމެއްކަން ރަމްޒުކޮށްދޭ ކަމެއްކަމުގައި ވިދާޅުވެފައެވެ.

މީގެއިތުރުން ޑިމޮކްރަސީ ނެގެހެއްޓުމަށާއި ކުރާ ކޮންމެ ކަމެއްގައިވެސް ހަމަހަމަ އުސޫލުތައް ގެންގުޅުމާ އަޤްލަބިއްޔަތަށް ތަބާވުމުގެ މުހިންމުކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެއެވެ.

ނައިބު ރައީސް ވިދާޅުވީ، މިހާރު ރާއްޖޭގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް އޮތް ފުރުޞަތުތައް ކުރިޔަށްވުރެ ފުޅާވެގެން ގޮސްފައިވާކަމަށެވެ. އަދި އަންހެނުންގެ ބައިވެރިވުން ސިޔާސީ މައިދާނުގައި ދުވަހެއް ދުވަހަކަށް އިތުރުކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ރޭ ބޭއްވި ހަފުލާގައި އެ ކޮމިޝަނުގެ 2021 އިން 2025 އަށް އެ ކޮމިޝަނުން އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކޮށްދެއްވީ ނައިބު ރައީސް ފައިޞަލް ނަސީމެވެ. އޭގެ އިތުރުން މި ހަފުލާގައި އެ މަނިކުފާނު ވަނީ އިލެކްޝަންސް ކޮމިޝަނަށް ދިގުމުއްދަތެއްގައި ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށް އެ ކޮމިޝަނުންދޭ ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

ރޭގެ ހަފުލާގައި އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބު ޕޯޓަލްވެސް އިފްތިތާޙްކޮށްފައިވެއެވެ. މި ޕޯޓަލްއަކީ ނިމިދިޔަ އިންތިޚާބުތަކުގެ ތަފާސް ހިސާބުތައް އެއްތަނަކުން ފެންނަގޮތަށް ތައްޔާރުކޮށްފައިވާ ޕޯޓަލްއެކެވެ.