ރަށާއި މާދުރުނޫން ހިސާބެއްގައި ކަނދުފައްޗެއް ބާއްވާ، އިތުރު ބަނދަރެއް ތަރައްޤީކުރުމަށް ކ. އަތޮޅު ކާށިދޫ ކައުންސިލުން އެދިއްޖެ އެވެ.

އެކައުންސިލުން މިގޮތަށް އެދިފައިވަނީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި، ނައިބު ރައީސް ފައިޞަލް ނަސީމް އާއި ބައްދަލުކުރައްވައި ކުރެވުނު މަޝްވަރާތަކުގެ ތެރޭގަ އެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި، ކާށިދޫ ކައުންސިލަރުން ވަނީ ރަށުގެ ޒުވާނުން މަސްވެރިކަމުގެ ސިނާޢަތަށް ޝައުޤުވެރިވާކަން ފާޅުކުރައްވާކަން ފާހަގަކުރައްވާފަ އެވެ. އަދި ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ނައިބު ރައީސް އާއި ޙިއްޞާ ކުރައްވާފައެވެ.

ކާށިދޫ ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ފެނާ ނަރުދަމާގެ މަސައްކަތް ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުމާއި ރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކޮށް އަތޮޅު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާކަމުގައި ފާހަގަކުރެއްވެވިއެވެ.

މީގެ އިތުރުން ރަށުގައި ވަޒީފާގެ ފުރުޞަތު ފަހިކޮށް ރަށުގެ އިޤްތިޞާދު ތަނަވަސްކުރުމަށް ޓުއަރިޒަމް ސިނާއަތް ފުޅާކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާ އެކަމުގައި ސަރުކާރުން އެހީތެރިވެދިނުމަށް ކައުންސިލުން ވަނީ ދަންނަވާފައެވެ. އަދި ރަށުގެ ޞިއްޙީމަރުކަޒަށް އެމްބިއުލާންސެއް ބޭނުންވާކަމަށާއި، ރަށުގެ ސްކޫލަށް ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަމާއި، ވަޞީލަތްތައް މަދުކަން ކައުންސިލުން ވަނީ ނައިބު ރައީސް އާއި ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ކާށިދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމަށާއި، ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި އެކަމާއި ގުޅޭ އިދާރާތަކާއި އިތުރަށް ވާހަކަދެއްކެވުމަށް ވިދާޅުވެފައެވެ.