ސިވިލްސާރވިސް މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުން މަޑަޖައްސާލުމުން މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސްގެ ލަފާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުން ނެރެފައިވާ ސަރކިއުލަރގައި ބުނެފައިވާ ގޮތުގައި ސިވިލް ސަރވިސްގެ ފަންނީ އޮނިގަނޑުތަކުގެ ވަޒީފާގައި ތިބި ފަރާތްތަކަށް، ޕާރފޯމަންސް އެޕްރައިސަލްއަށް ރިޢާޔަތްކޮށް ދެވޭ ގްރޭޑް ކުރިއެރުން ދިނުން ވަގުތީ ގޮތުން މަޑުޖައްސާލައިފައިވާކަމަށް ބުނެފައިވެއެވެ.

Ad
rt

މިކަމާއި ގުޅިގެން މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަންއިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ މިނިންމުމަކީ އެޔޫނިއަނުން ބަލައިގަންނަ ނިންމުމެއް ނޫންކަމަށެވެ.

މިނިންމުމުގެ ސަބަބުން ވަޒީފާ އަދާކުރުމުގެ ސަބަބުން މަސައްކަތްތެރިންނަށް ލިބިދެވޭ، ވަޒީފާގެ ކުރިއެރުން ލިބުމުގެ ހައްޤުން މަސައްކަތްތެރިން މަޙްރޫމްވެގެންދާކަމީ، އެޔޫނިއަންގެ މެންބަރުންގެ ކަންބޮޑުވުން އޮތް މައްސަލައެއްކަމަށެވެ.

ވަޒީފާ އަދާކުރާ ކޮންމެ ފަރާތަކަށް އެމީހަކު ނަގާ ޒިންމާ އަދި ރިސްކް އާއި އެއްވަރުގެ އުޛޫރައެއް ލިބުމާއި، މިއުޖޫރައަކީ މަސައްކަތްތެރިޔާ އަދި އޭނާގެ އާއިލާ އަބުރުވެރިކަމާއި އެކު އުޅެވޭ ވަރުގެ މުސާރައަކަށްވުން އަދި ކެރިއަރ ބޭސްޑް ވަޒީފާގެ އޮނިގަނޑެއް އޮތުމަކީ ވަޒީފާ އަދާކުރާ ކޮންމެ ފަރާތަކަށް ތަފާތުކުރުމެއްނެތި ލިބިދޭން ޖެހޭ އަސާސީ ހައްގެއްކަމަށް ބަޔާންކޮށްފައިވެއެވެ.

ސިއްޙީ ޙީދުމަތަކީ އަސާސީ ޙިދުމަތަކަށް އަދި ވަރަށްވެސް ޙައްސާސް ޙިދުމަތަކަށްވެފައި، މިޙިދުމަތަކީ ތަފާތު ޑިސިޕްލިން ތަކެއްގެ މުވައްޒަފުންގެ ޙިދުމަތާއި އެކު ފޯރުކޮށްދެވޭ ޙިދުމަތެއްކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި މިއިން އެއްވެސް ފަރާތެއްގެ ޙިދުމަތް މެދުކެނޑި، ނުވަތަ ޙިދުމަތުގެ ފެންވަރު ދަށްވުމަކީ މުޖުތަމަޢުގެ ޢާއްމު ސިއްޙަތަށް އަސަރުކުރުވާނެކަމެއްކަމަށާއި، ސިއްޙީ ދާއިރާގައި މަސައްކަތްކުރާ 23 ޑިސިޕްލިންއެއްގެ މަސައްކަތްތެރިން މަސައްކަތް ކުރާނީ ކެރިއަރ ބޭސްޑް ވަޒީފާގެ އޮނިގަނޑެއް ނެތިގެން ވަރަށް ހިތާމައާއި އެކު ފާހަގަކުރާކަމަށް ބުނެފައިވެއެވެ.

އަދި ސިވިލް ސަރވިސް އިން ނެރެފައވާ މިސަރކިއުލަރގެ ސަބަބުން މަސައްކަތްތެރިންގެ މެދުގައި ފިތުނަވެރިކަން އުފެދި، އެމީހުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރުކުރުމާއި އެކު މިކަންމިހެން އޮތުމުގެ ސަބަބުން މޯރަލިޓީ ދަށްވާނެކަމަށް ޔޫނިއަންގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި ޑިގްރީއަކަށް ކިޔެވުމުންވެސް ވަޒީފާގެ ކުރިއެރުން ނުލިބި 15 އަހަރުވެފައިވާ މުވައްޒަފުންތިބިކަން ވަރަށް ހިތާމައާއި އެކު ފާހަގަ ކުރާކަމަށް ބަޔާންކޮށްފައިވެއެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޕެންޑަމިކްގެ ހާލަތުގައި ޞިއްޙީ ދާއިރާއަށް ނިސްބަތްވާ އެންމެހައި ފަރާތްތައް މަސައްކަތްކުރުމުން އަންނަނީ އެހާމެ، ނުރައްކާތެރި މާހައުލެއްގައި ގިނަ ވަގުތު އާއިލާއާއި ދުރުގައި ކަމުގައިވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޕެންޑަމިކްއިންވެސް އެންމެނަށް އެނގި ހާމަވަނީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ޕްރޮފެޝަނެއްގެ މަސައްކަތްތެރިންނަކީ މުޖުތަމަޢުގެ އާއްމު ޞިއްޙަތު ރާއްކާތެރިކުމުގައި މުހިއްމު އެސެޓެއްގެ ގޮތުގައެވެ. ޞިއްޙީ ދާއިރާގައި 2500އަށްވުރެ ގިނަ މުވައްޒަފުން ރައްޔިތުންގެ ހައްގުގައި އެތަކެއް ގުރުބާނިތަކެއް ވަމުން އަންނަކަން ފާހަގޮށް ޔޫނިއަންއިން ބުނެފައިވަނީއެ ޔޫނިއަން އިން މިނިސްޓްރީ އޮފް ހެލްތް އާއި ސިވިލް ސަރވިސް ކޮމިޝަނަރވެސް މިމައްސަލައާއި ގުޅިގެން މަޝްވަރާކޮށް ވާހަކަ ދައްކާފައިވާނެކަމަށެވެ.

އެގޮތުން މަސައްކަތްތެރިނަށް ހައްގުވާ ޕްރޮމޯޝަންތައް ނުހިފެހެއްޓުމަށާއި، ފަންނީ އޮނިގަނޑުތައް ނެތި މަސައްކަތްކުރާ ޞިއްޙީ ދާއިރާގެ މަސައްކަތްތެރިންގެ އޮނިގަނޑުތައް ލަސްނުކޮށް މިހާރުންމިހާރަށްވެސް ތަންފީޒުކުރުމަށް ދައުލަތުގެ ކަމާއިބެހޭ އިދާރާތަކަށް ޔޫނިއަންއިން ވަނީ ގޮވާލާފައެވެ.

އަދި މަސައްކަތްތެރިންގެ މެދުގައި ތަފާތުކުރުން ގެންގުޅުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުން މަނާ ކަމެއްކަމުގައި ދައުލަތުގެ ކަމާއިބެހޭ އިދާރާތަކަށް ހަނދުމަކޮށް އެރުވުމާއިއެކު، މަސައްކަތެރިންގެ ހައްޤުތަކަށް ރައްކާތެރިވުމަށާއި ހަމައާއި އިންސާފު ޤާއިމްކުރުމަށް ގޮވާލާފައިވެއެވެ.

އަދި އެޔޫނިއަންގެ މެންބަރުން ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ތެރެއިން އިންސާފު ލިބެންދެން އެކުގައި މަސައްކަތްކުރަން ނިންމާފައިވާކަން ދަންނަވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ޔޫނިއަން އާއި އެކު ޞިއްޙީ ދާއިރާގެ އެންމެހައި މަސައްކަތެރިން އިންސާފުގެ ދަތުރުގައި ބައިވެރިވުމަށް ވަނީ ގޮވާލާފައެވެ.