ނޮޅިވަރަންފަރު ރައްޔިތުން އަދިވެސް ގޭގައި، ރެންޑަމް ސާމްޕަލް ނެގުން ކުރިއަށް

Nolhivaranfaru- covid

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) މޮނިޓަރިން ހާލަތުން ވީއްލާފައި ވީނަމަވެސް އަދިވެސް ރައްޔިތުންތިބީ ގޭގައި ކަމަށާއި، މިރޭ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ނޮޅިވަރަންފަރު ކައުންސިލުން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން އެރަށް މޮނިޓަރިން ހާލަތުން ނެގީ އިއްޔެ 15:29 އިން ފެށިގެންނެވެ. އޭރުވެސް އެރަށުގައި ދިޔައީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ހިނގަމުންނެވެ.

މޮނިޓަރިން ހާލަތުން ނެގިކަން އަންގާ އެރަށު ކައުންސިލަށް ފޮނުވި ލިޔުމުގައި އެޗްޕީއޭއިން ބުނެފައި ވަނީ އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން އެރަށް މޮނިޓަރިން ހާލަތު ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތްކަމަށެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ ނައިބް ރައީސް އަބުދުލްކަރީމް "ތިލަދުން"އަށް ވިދާޅުވި ގޮތުގައި އެޗްޕީއޭގެ އެ ނިންމުންއައީ ރަށުގެ ސިއްހީ މަރުކަޒަށް ވެސް ކައުންސިލަށް ވެސް އަދި ޓާސްކް ފޯހަށްވެސް ހިލަމެއްވުމެއްނެތި ކުއްލިއަކަށް ކަމަށެވެ.

އެހިސާބުން ކައުންސިލުން ވަނީ އެޗްޕީއޭއާއި ވާހަކަ ދައްކައިގެން އެކަން އޮޅުން ފިލުވަން މަސައްކަތް ފަށާފަކަމަށް އޭނާ ބުންޏެވެ.

"މިރެއާއި ހަމައަށް ވެސް ރަސްމީ ޖަވާބެއް ނުލިބޭ، އެކަމަކު ބައެއް މީހުން ގުޅީމަ މިރަށުން ޕޮޒިޓިވްވި ނިސްބަތާއި، ވެކްސިން ދެ ޑޯޒް ޖެހި ނިސްބަތަށް ބަލާފަ މިހާރަ ކަނޑައަޅާފަ އޮންނަ މިންގަނޑު ތެރެއިން ނިންމާފައޮތް ނިންމުމެއްކަމަށް އެޗްޕީއޭއިން ފޯނުނަގާ މީހުން ބުނާ ކަމަށް ވަނީ، އެކަމަކު ކައުންސިލަކަށް ޓާސްކް ފޯހަކަށް ރަސްމީކޮށް އެކަން ސާފެއްނުވޭ" ކަރީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މޮނިޓަރިން އުވާލިފަހުން ވެސް އެކަކު ޕޮޒިޓިވްވެއްޖެ ކަމަށާއި، މިހާރު އެރަށުގައި ކޯވިޑް ބަލީގެ 23 މީހަކު އެބަތިބި ކަމަށެވެ. މޮނިޓަރިން އުވާލިޔަސް ޓާސްކް ފޯހުން ދިން އިރުޝާދާ އެއްގޮތަށް ރައްޔިތުން ތިބީ ކިޔަމަންތެރިކަމާއެކު ގޭގައި ކަމަށް ކަރީމް ފާހަގަ ކުރިއެވެ.

"އަޅުގަނޑުމެން މިރޭ މިނަގަނީ ރެންޑަމް ސާމްޕަލް، އޭގެ ތެރޭގައި ސްކޫލްގެ ގްރޭޑް 9،10 ގެ ހުރިހާ ދަރިވަރުންގެ ވެސް ސާމްޕަލް ނެގޭތޯ އެބަބަލަން، އާދީއްތަ ދުވަހު ސްކޫލް ހުޅުވެންވާއިރަށް ރައްކާތެރިކަން ކަށަވަރު ކުރުން ކޮންމެހެން ބޭނުން" ކަރީމް ވިދާޅުވިއެވެ.

ކަރީމް ވިދާޅުވީ، މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރަށުގައި ބަލި ފެތުރިފައިވާ މިންވަރު ވަޒަން ކުރުމުގެ މަސައްކަތް ކަމަށެވެ.

ކަރީމް ވިދާޅުވީ، ރައްކާތެރިކަން ކަށަވަރުކުރަން ރައްޔިތުން ބޭނުންވާ ކަމަށާއި، ބަލިފެތުރޭކަން އިނގޭއިރު އާންމު ދިރިއުޅުމަށް ގޮސްފިނަަމަ އިތުރަށް ހާލަތު ގޯސްވުން އެކަށީގެންވާތީ، ލުއި ދިނުމުގެ ކުރިން ރަށުގައި ބަލި ފެތުރޭ މިންވަރު ދެނެގަންނަން ޓާސްކް ފޯހުން ބޭނުންވާ ކަމަށެވެ.

https://thiladhun.wonstasite.com/72497

ކޯވިޑް-19އާ ގުޅިގެން ނޮޅިވަރަންފަރު މޮނިޓަރިންއަށް ލާފައި އޮތުމަށް ފަހު ރަށް އެ ހާލަތުން ނެގިޔަސް، ކޯވިޑް ފެތުރުން ކޮންޓްރޯލްކޮށް ރައްޔިތުންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުންމަތީ ދެމި ތިބުމަށް ނޮޅިވަރަންފަރު ޓާސްކްފޯހުން މިއަދު ވަނީ އިލްތިމާސް ކޮށްފައެވެ.

މިގޮތުން އެ ޓާސްކްފޯހުން ވަނީ ޒަރޫރީ ބޭނުންތަކަށް ގެއިން ނިކުތުން މަދުކޮށް، އަދި ނިކުންނަށް އިރު ފާސް ހިފައިގެން ނިކުތުމަށް އެދިފައެވެ. އަދި ސާޖިކަލް މާސްކު އެޅުމަށާއި، ފިހާރައަށް ފަހަރަކު 2 މީހުންނަށްވުރެ އިތުރަށް ނުވަނުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

މިސްކިތުގައި ގައިދުރުކޮށްތިބުމާއި ގެއިން ވުޟޫކޮށްގެން މުސައްލަ ހިފައިގެން މާސްކު އަޅައިގެން މިސްކިތަށް ދިއުމަށާއި، ކުޅިވަރު ހަރަކާތްތަށް ކުރިއަށް ނުގެންދިއުމަށާއި، ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތަށް ކުރިއަށް ނުގެންދިއުމަށާއި، އަދި ހޮޓާ، ކެފޭ ރެސްޓޯރެންޓުތަކުން ހަމައެކަނި ޑެލިވަރީ އާއި ޓޭކްއަވޭ ހިދުމަތްދިނުމަށް ވެސް އެދިފައެވެ.

މީގެއިތުރުން ދަނޑުވެރިކަން ކުރުމަށާއި އެހެނިހެން މަސައްކަތްކުރުމަށް ދޫކޮށްފައިވާ ފާސްހިފައިގެން މަސައްކަތަށް ދިއުމަށާއި، ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައި މެނުވީ ރަށުން ބޭރަށް ނުދިޔުމަށް ވެސް ވަނީ އެދިފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. އަސްލުވިގޮތަކި މޮނިޓަރިންނަ ލީދުވަހު ނޫން އަނެއްދުވަހު ކައުންސިލް މެންބަރުން ބޭނުންވެގެން މޮނިޓަރިން ނެގުމަށް އެދުނި. މި ބޯގޯސް ކައުންސިލަރުންނަކަށް ނޭގޭ އެ ޗު ޕި އޭ ގެ އޫސޫލެއް ގވައިދެއް އޮންނަގޮތެއް. އެމީހުން އެއްދުވަހު ބުނާނެ މިހާރު ރަގަލޭ ރަށް މޮނިޓަރިން ނގާށޭ އަނެއްދުވަހު ބުނާނެ އަދި ބާއްވާށޭ. ހުރިހާ ގޯހެއް ހަދާފާ އެހެން ބައެއްގެ ބޮލަށް ޖަހަނި. ހަމަ ފަތްކެޔޮ ދަނޑުވެ އުސޫލަށް.

  2. ނޮޅިވަރަންފަރު ކައުންސިލްގެ މަސައްކަތަށް އައްސަރިބަހާ ސާބަސް..އަދިޞިއްޙީމަރުކަޒާއި،ޓާސްކްފޯސް އަށް ތި ކުރައްވާ ބުރަބޮޑު މަސައްކަތަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން… ކައުންސިލުން ރަށުގެ ޤަވާޢިދުން ނެއްޓި ފައިވާ ކަން ކަން ހައްލު ކުރުމަށް ތިކުރާ ހިއްވަރަށް ސާބަސް….އަދި ތިލަދުން ނޫހުން ތިޔަ ކުރައްވާ މަސައްކަތަށް ޝުކުރިއްޔާ..

  3. ނޮޅިވަރަންފަރު ކައުންސިލްގެ މަސައްކަތަށް އައްސަރިބަހާ ސާބަސް..އަދިޞިއްޙީމަރުކަޒާއި،ޓާސްކްފޯސް އަށް ތި ކުރައްވާ ބުރަބޮޑު މަސައްކަތަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން… ކައުންސިލުން ރަށުގެ ޤަވާޢިދުން ނެއްޓި ފައިވާ ކަން ކަން ހައްލު ކުރުމަށް ތިކުރާ ހިއްވަރަށް ސާބަސް….އަދި ތިލަދުން ނޫހުން ތިޔަ ކުރައްވާ މަސައްކަތަށް ޝުކުރިއްޔާ..

  4. މިހާރު މި އޮތް ނޮޅިވަރަންފަރުކައުންސިލުން ކުރާހާވެސް ކަމަކީ ރައްޔިތުންނަ އުދަގޫ ކުރުމާ ޖެއްސުންކުރުން. ދަނޑުތަކަށް ފެންނުޖެހޭ ގޮތަށް ގަވައިދު ހަދައިގެން ދަނޑުތަކަށް ލިބުނު ގެއްލުމުގެ ޒިންމާ ކައުންސިލުން ނަގަންޖެހޭ. ރަށުގަ މޮނީޓަރިންނަ ލާފައިވާ ގެތަކުން ކުނި އުކާލަ ދެވޭނެ ގޮތެއް ހަމަޖައްސަން ނޭގުނު ކައުންސިލެއް މި ނޫނީ ނެތް. ނޮޅިވަރަންފަރު ކައުންސިލަރުން އިސްތިއުފާ ދިނުމަށް ގޮވާލަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި