ވޯލްޑް ކަޕް ދެކުނު އެމެރިކާގެ ކޮލިފުކޭޝަންގައި އާޖެންޓީނާއާއި ބޮލީވިއާ ބައްދަލުކުރި މެޗުގައި އާޖެންޓީނާގެ ތަރި ލައިނަލް މެސީ ހެޓްރިކްހަދައި ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ ޤައުމީ ޓީމަށް ލަނޑު ޖަހައިގެން ހަދާފައިވާ ޒަމާންވީ ރެކޯޑެއް މުގުރާލައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އާޖެންޓީނާގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.

Ad
rt

ޕެލޭ ބްރެޒިލްއަށް ކުޅެދިން 91 މެޗުގައި ކާމިޔާބު ކޮށްފައި ވަނީ 77 ލަނޑެވެ. މި ރެކޯޑް މެސީ މުގުރާލާފައި މިވަނީ 153 މެޗުން 79 ލަނޑު ޖަހައިގެންނެވެ. ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑް މިވަގުތު އޮތީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އަތުގައެވެ. އޭނާ ވަނީ ޕޯޗުގަލްގެ ޤައުމީ ޓީމަށް ކުޅެދިން 180 މެޗުގައި 111 ލަނޑު ޖަހާފައެވެ.

އާޖެންޓީނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި، އެ ޓީމުން ފުރަތަމަ ލަނޑު ޖަހާފައި ވަނީ މެޗުގެ 14 ވަނަ މިނެޓުގައެވެ. މި ލަނޑު ޕަރްދޭސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮސްދީފައި ވަނީ މެސީއެވެ.

އާޖެންޓީނާއިން މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި މާޓިނޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވެސް މެސީއެވެ. މެސީ ހެޓްރިކް ފުރިހަމަ ކޮށްފައި ވަނީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނީކޮށް އޭނާ ކާމިޔާބުކުރި ލަނޑުންނެވެ.

މި މޮޅާއިއެކު އާޖެންޓީނާ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ދެ ވަނާގައވެ. އެ ޓީމަށް އަށް މެޗުން ލިބިފައި ވަނީ 18 ޕޮއިންޓެވެ. މި މެޗުން ބަލިވި ބޮލީވިއާ އޮތީ ނުވަ މެޗުން ލިބުނު ހަ ޕޮއިންޓާއިއެކު ނުވަވަނާގައެވެ.