ހދ. ނޮޅިވަރަމުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 216 އަށް އަރައިފިއެވެ.
ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ "ތިލަދުން"އަށް ވިދާޅުވީ، އެރަށުން ކޯވިޑް ބަލި ޖެހުނު މީހުންގެ ޢަދަދު 216 އަށް އަރާފައިވާ ކަމަށެވެ.
އެ ބަލިޖެހިފައިވޭތޯ ޓެސްޓް ކުރުމަށް މިހާތަނަށް 855 ސާމްޕަލެއް ނެގިފައިވާ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ.
ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިހާލަތުގައި ޚިދުމަތްދޭން ތިބި ބައެއް ސިއްހީ ޚިދުމަތްތެރީންނާއި، ފުލުހުންގެ އޮފިސަރެއް ވެސް ހިމެނޭކަން ކައުންސިލުން ފާހަގަ ކުރައްވައެވެ.
ނޮޅިވަރަމްގެ ކޯވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު ސިއްހީ މަރުކަޒުގައި ވަސީލަތާއި އެކަށޭނަ އަދަދަކަށް މުވައްޒަފުން ނެތުމުގެ ކަންބޮޑުވުން އެރަށު ރައްޔިތުންނާއި، ކައުންސިލުން އަންނަނީ ފާޅު ކުރަމުންނެވެ.
ނޮޅިވަރަމް ތަމްސީލް ކުރައްވާ މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ވަނީ އެ މައްސަލަ މިހާރު މަޖިލީހަށް ވެސް ހުށަހަޅާފައެވެ.
ނޮޅިވަރަމް މޮނިޓަރިންގެ ހާލަތައް ގެނެސްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު އެރަށުން 7 މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ. އޭގެތެރޭގައި ހިމެނެނީ 5 ކުޑަކުދިންނާއި ބޮޑު 2 މީހެކެވެ.
ނޮޅިވަރަމްގައި ދިރިއުޅޭ މީހުންގެ ވެކްސިންދޭ އުމުރުފުރާގެ 90 އިންސައްތަ މީހުން ކޯވިޑަށް ރައްކާތެރިވާން ދޭ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ނޮޅިވަރަމް ކައުންސިލުން މައުލޫމާތު ދެއްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!