ނޮޅިވަރަމަށް، ނޭކުރެންދޫ ނާސާ އަލީ 1.8 ޓަނު ރޯމަސް ހަދިޔާކޮށްފި

Roamas

ކޯވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ، ހދ. ނޮޅިވަރަމްގެ ރައްޔިތުންނަށް ހދ. ނޭކުރެންދޫ، މަންޒިލް، ޢަލީ އަބުދުއްރަހްމާން (ނާސާ އައްޔަ) އެހީތެރިކަން ފޯރުކޮށްދީފި އެވެ.

މިގޮތުން ނާސާ އަލީ ވަނީ ނޮޅިވަރަމް ރައްޔިތުންނަށް ބެހުމަށް 1.8 ޓަނު ތާޒާ ރޯމަސް މިއަދު ނޮޅިވަރަމަށް ފޮނުވާފައެވެ.

މީގެއިތުރުން އޭނާ ވަނީ ނޮޅިވަރަމް ސިއްހީ މަރުކަޒަށް ފައިސާގެ އެހީތެރިކަން ވެސް ފޯރުކޮށްދީފައެވެ.

ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ "ތިލަދުން"އަށް ވިދާޅުވީ ނޭކުރެއްދޫ ނާސާ އަލީގެ ފޯރުކޮށްދިން ރޯމަސް އެރަށު ރައްޔިތުންނަށް ބެހުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ނޮޅިވަރަމް ރައްޔިތުންގެ ފަރާތުން ނޭކުރެންދޫ ޢަލީއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، މިފަދަ ކޮންމެ އެހީތެރިކަމަކީ މިވަގުތު ނޮޅިވަރަމްގެ ރައްޔިތުންނަށްވެވޭ ވަރަށްބޮޑު މަދަދެއް"

މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ ހެޔޮ އެދޭ ނޮޅިވަރަމްގެ އެކި ފަރުދުންގެ އިތުރުން އަތޮޅުގެ ބައެއް ރަށްތަކުން އެރަށަށް އެހީވަމުން އަންނާތީ ނޮޅިވަރަމް ރައްޔިތުން ވަރަށް އުފާ ކުރާކަމަށެވެ.

ކޯވިޑްގެ ސަބަބުން މިދިޔަ އޯގަސްޓް 29 ވަނަ ދުވަހުން ފެށިގެން އަރާ ފޭބުން މަނާކޮށްފައިވާ ނޮޅިވަރަމަށް، ހދ. ކުޅުދުއްފުށީ ސިޓީގެ ފަރިރީތި ފިހާރަ އަދި އެޑްމޭން ފިހާރައިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށް ދީފައެވެ. އެ ދެ ފިހާރައިގެ ފަރާތުން ނޮޅިވަރަމް ރައްޔިތުންނަށް ފޯރުކޮށް ދިނީ 1.2 ޓަނުގެ ތާޒާ ކަނޑުމަހެވެ.

މީގެއިތުރުން ނޮޅިވަރަމް ރައްޔިތުންގެ ތެރެއިން މިވަގުތު ކަރަންޓީނު ކުރެވިފައިވާ ގެތަކުގެ މީހުންނަށް ނޮޅިވަރަމް، ސަވާރީ، އަބްދުލް މާޖިދު ވެސް އެއިން ކޮންމެ ގެޔެކަށް ހަދިޔާ ޕެކެއް ބަހާފައެވެ.

ކޯވިޑް ބަލީގެ ނުރައްކަލުގެ ސަބަބުން ނޮޅިވަރަމްގެ ހާލަތު ގޯސްވެފައިވާއިރު، 28 އޯގަސްޓް ކްލާސްޓާއާއި ގުޅިގެން އެރަށުން މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި