އަލިފުށީގެ ތާރީޚުގައިވެސް މިހާ ގިނަ މަޝްރޫޢު މީގެކުރިން ކުރިޔަށް ގޮސްފައިނުވާކަމަށް ރ. އަލިފުށީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އެކައުންސިލުން މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، ރ. އަލިފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު ރޭ ބޭއްވެވި ބައްދަލުކުރުމުގައެވެ.

Ad
rt

އެ ބައްދަލުވުމުގައި އަލިފުށީ ކައުންސިލުން ވަނީ، ސަރުކާރުން އަލިފުށީގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ވަރަށް ބާރު ސްޕީޑުގައި ކުރިޔަށްދާކަން ފާހަގަ ކުރައްވާފައެވެ.

އަލިފުށީގެ ތާރީޚުގައިވެސް މިހާ ގިނަ މަޝްރޫޢު މީގެކުރިން ކުރިޔަށް ގޮސްފައި ނުވާކަން ކައުންސިލުން ފާހަގަ ކުރެެއްވިއެވެ. އަދި މަޝްރޫޢުތަކުގެ މަސައްކަތް ބާރަށް ކުރިޔަށްދާތީ ރައްޔިތުން ތިބީ ވަރަށް އުފަލުންކަމުގައި ކައުންސިލުން ވަނީ ވިދާޅުވެފައެެވެ.

އަލިފުށީ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސް ޞާލިޙްއާއި ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގައި ގެދޮރު އެޅުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށާއި، އަލި ފުށީ ހޮސްޕީޓަލްގެ މަސައްކަތް ލަސްވާތީ ހުރި ކަންބޮޑުވުންތަކުގެ އިތުރުން އަލިފުށީގައި ކޮމިއުނިޓީ ސެންޓަރެއް ޤާއިމުކުރުމަށް ބޭނުންވުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ވަނީ އަލިފުށީގައި ކުރިޔަށްގެންދާ މަޝްރޫޢުތަކާ ބެހޭ ފަހުގެ މަޢުލޫމާތުތައް އެބޭފުޅުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ އަލިފުށީގައި މިޑް ރޭންޖްގެ 30 އެނދުގެ ހޮސްޕިޓަލެއް ޤާއިމުކުރުމަށް ނިންމަވާފައިވާކަމަށާއި، ގެދޮރުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ހިންގާ އެކި އެކި ލޯނު ސްކީމާ ބެހޭ މަޢުލޫމާތު ކައުންސިލާ ހިއްސާކުރައްވާފައެވެ. އަދި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ ދެ ކަނބަލުން އަލިފުއްޓަށް ކުރެއްވި ދަތުރުފުޅަކީ ށ. އަދި ރ. އަތޮޅުގެ 8 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ. ރައީސް އޮފީހުން ވިދާޅުވެފައިވާ ގޮތުގައި ރައީސްގެ ދެ ކަނބަލުންގެ މިދަތުރުފުޅު ނިންމާލާނީ މިރެއެވެ.