އިންޓަގްރޭޓެޑް ނޭޝަނަލް ފެރީ ނެޓްވޯކުގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބަންނަ ފުރަތަމަ ފެރީގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ މިހާރު ކުރިއަށްދަނީ ފުރަތަމަ ފެރީގެ އިންޖީނާއި ފިޔުލް ޓޭންކް އަދި ފެން ޓެންކު އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ދެވަނަ ފެރީގެ އެތެރޭގެ ފިޓިންގްސް އާއި ހަލް އާއި ފުރާޅު ގުޅުވުމަށް ކުރަން ޖެހޭ ތައްޔާރީތައް މިހާރު ކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

Ad
rt

ފެރީ ނެޓްވޯކުގެ ދަށުން ފެރީ ބަންނަން އެމްޓީސީސީ އިން ހަވާލު ކުރީ ގަލްފް ކްރާފްޓާއެވެ. އެގޮތުން، ފުރަތަމަ ފިޔަވަހީގެ ދަށުން 14 ފެރީ ބަންނަން ވަނީ ނިންމައިފައެވެ.

މި ނެޓްވޯކުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހިދުމަތް ދޭނީ ހއ. ހދ. އަދި ށ. އަތޮޅުގެ 41 ރަށަށެވެ. ކުރިއަށް އޮތް އަހަރުތަލުގައި ރާއްޖޭގެ އެހެން އަތޮޅުތައް ވެސް މި ނެޓްވޯކުގެ ތެރޭގައި ހިމަނަން ވަނީ ނިންމައިފައެވެ.

އެމްޓީސީސީން ފެރީ ނެޓްވޯކުގައި ދަތުރުފަތުރު ކުރުމަށް ބޭނުން ކުރާނީ ފެރީ ލޯންޗެވެ. މިއީ ޒަމާނީ ވެފައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ފަސޭހައިން ބޭނުން ކުރެވޭ ގޮތަށް ތައްޔާރުކުރާ ފެރީތަކެކެވެ.