ބޭނުންފުޅު ވަނީ ޒުވާނުން ބޭކާރު ވިޔަ ނުދީ، އެކަށީގެންވާ ރަނގަޅު ވަޒީފާއެއް ޒުވާނުންނަށް ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރ. އަލިފުށީގައި ޖޮބް ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ވަޒީފާތަކަށް މީހުން ތައްޔާރުކުރުމަކީ، ކޮންމެހެން މިއަދު ކުރަން ޖެހިފައި އޮތް ކަމެއް ކަމަށެވެ. އެގޮތުން، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް މި އަހަރުގެ ތެރޭގައި ފަށައިގެން ކުރިއަށްގެންދާކަން ރައީސް ފާދހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ކުންފުނިތަކުން މިހާތަނަށް 213 ފަރާތަކަށް ފުރުޞަތު ހޯދައިދީ، އަމިއްލަ ކުންފުނިތަކުގެ ތެރެއިން 38 ފުރުޞަތެއް މިހާތަނަށް ހޯދައިދެވިފައި ވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ad
rt

ރައީސް ވިދާޅުވީމިކަމަށް އެދި 555 ފަރާތެއް، އަދި އެބައޮތް ކުރިމަތިލާފައި އެބައޮތް ކަމަށެވެ. އަދި މިކުރާ މަސައްކަތުގައި، މިހެން ވަޒީފާ ބޭނުންވެފައި ތިބި، މަސައްކަތް ބޭނުންވެފައި ތިބި ފަރާތްތަކަށް، ކުރިއަށް އޮތް ތަނުގައި އެކަން ކޮށްދެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވަޒީފާތަކަށް މީހުން ތައްޔާރުކުރުމަށްޓަކައި ކުރިއަށް އޮތް ދެ އަހަރަށް އަމާޒުކޮށްގެން 2400 މީހުން، ކުދިން ޓްރެއިން ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއަދު މިހާތަނަށް އައިއިރު، މި އަހަރުގެ ތެރޭގައި 600 ފަރާތެއް ޓްރެއިން ކުރެއްވުމަށްޓަކައި އަމިއްލަ ކޮލެޖުތަކާއި ސްކޫލްތަކަށް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުންދާއިރުގައި، އެއިން ކޮންމެ ކުއްޖަކަށް ޕޮކެޓްމަނީގެ ގޮތުގައި 2500 ރުފިޔާވެސް ދެމުންދާ ކަން ފާހަގަކުރެއްވިއެވެ.

" އަޅުގަނޑުމެންގެ ބޭނުމަކީ، ވަޒީފާތަކަށް މި ނުކުންނަ ޒުވާނުންނަށް ބޭކާރުވެ ނުގޮސް، އެކަށީގެންވާ ރަނގަޅު ވަޒީފާއެއް ޒުވާނުންނަށް ހޯދައިދިނުން. ރާއްޖޭގައި، ކުރިންވެސް ދެންނެވި ފަދައިން ވަޒީފާ އެބަހުރި. ވަޒީފާ ބޭނުންވާ މީހުން އެބަތިބި. މި ދޭތެރޭގައި މިއުޅޭ މައްސަލަ ޙައްލުކޮށްގެން ނޫނިއްޔަކާ މިކަމަށް ޙައްލެއް އަންނާނެ ތަނެއް އަޅުގަނޑަކަށް ނުފެނޭ. އެހެންވީމާ، އަޅުގަނޑުމެން މި މަސައްކަތް ފަށައިގެން ކުރިއަށް މިގެންދަނީ”

އެމަނިކުފާނު އިތުރަށް ވިދާޅުވީ ވަޒީފާތަކަށް މީހުން އަހުލުވެރިކޮށް ޓްރެއިން ކުރުމަށްޓަކާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، މި އަންނަ އަހަރުގެ ތެރޭގައި، ޓިވެޓް ސެންޓަރުތަކެއް ޤާއިމުކުރެވިގެންދާނެ ކަމަށެވެ. އަދި މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމުގައިވާ، ހިލޭ ޑިގްރީއަށް ކިޔަވައިދިނުމާއި، މަތީ ތަޢުލީމު ޙާޞިލުކުރަން ބޭނުންވާ ފަރާތްތަކަށް ލޯނުގެ އެހީ ފޯރުކޮށްދިނުން އަދި ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާއިރުގައި، ހަމަ މި އަންނަ އަހަރު އަމާޒު މި ހިފަނީ، ވަޒީފާ ބޭނުންވެފައި ހުރި، މީހުން ބޭނުންވެފައި ހުރި ދިމަދިމާ ޚާއްޞަކޮށް ބަލައިގެން، އެ ތަންތަނަށް ވަޒީފާއަށް ޓްރެއިން ކޮށް ޑިގްރީއަށް ކިޔެވުމަށްޓަކައި މީހުން ފޮނުވުމަށް ކަމަށެވެ. އަދި އެއާއެކުގައި، ޚާއްޞަކޮށް އެކި ދާއިރާތަކަށް، އެކި ސަރަޙައްދުތަކަށްވެސް އަމާޒުކޮށްގެން، އެކި ރަށްރަށަށް އަމާޒުކޮށްގެންވެސް މި ޕްރޮގްރާމް ފުޅާކުރަން ގަސްދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.