ވޯލްޑްކަޕް ޔޫރަޕްގެ ކޮލިފައިންގެ ގްރޫޕް ޖީ ގައި ނޯވޭއާއި ގިބްރާލްޓާ ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ނޯވޭއިން ކާމިޔާބު ކޮށްފިއެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗު ނޯވޭ ކާމިޔާބު ކޮށްފައި ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މެޗުގައި ނޯވޭގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މި މެޗުގައި ތަރިއަކަށް ވީ ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑެވެ. އޭނާ ވަނީ މި މެޗުގައި ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. އާދަޔާ ޚިލާފަށް ގޯލާއި ރައްޓެހި ހާލަންޑް މި ސީޒަންގައި މިހާތަނަށް ކުޅުނު އަށް މެޗުގައި ވަނީ އެގާރަ ލަނޑު ޖަހާފައެވެ.
މެޗުގެ ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ނޯވޭއަށް ކާމިޔާބު ކޮށްދީފައި ވަނީ ކްރިސްޓިއަން ތޯސްޓެވިޑެވެ. އެ ޓީމުން މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު 27 ވަނަ މިނެޓުގައި ހާލަންޑް ކާމިޔާބު ކޮށްދިންއިރު، ތިންވަނަ ލަނޑު 39 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ވެސް ހާލަންޑްއެވެ.
ތިން ލަނޑުގެ ލީޑެއް ނޯވޭއިން ހޯދާފައި ވަނީކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ގިބްރާލްޓާއިން ވަނީ ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު 43 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ރީސޭ ސްޓައިޗެވެ.
މެޗުގައި ނޯވޭއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 59 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ސޯލޮތެވެ. މެޗުގައި ނޯވޭއިން ފަސްވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު ހާލަންޑް ކާމިޔާބު ކޮށްދީ އޭނާ ވަނީ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.
މި ނަތީޖާއާއި އެކު މިވަގުތު ނޯވޭ އޮތީ ގްރޫޕް ޖީގެ ދެ ވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 6 މެޗުން 13 ޕޮއިންޓެވެ. އެއްވަނާގައި އޮތީ އަންގާރަ ދުވަހުގެ ރޭ ތުރުކީގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯޑި ނެދަލެންޑްސްއެވެ.
އެ ޓީމަށް ވެސް ހަ މެޗުން ލިބިފައި ވަނީ 13 ޕޮއިންޓެވެ. އެ ޓީމަށް އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!