ހުޅުމާލޭގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓަމުންދާ ފިޔަވަތީގައި ރޭގެ ވަގުތެއްގައި ހިނގި ހާދިސާގައި ކުއްޖަކަށް އަނިޔާ ލިބިފައި ނުވާކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން ބުނެފިއެވެ.
އެ ސާވިސްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓަމުންދާ ފިޔަވަތީގައި ރޭގެ ވަގުތެއްގައި ހިނގި ހާދިސާ އެ ސާވިސްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަކީ އެކުދިންގެ ދިރިއުޅުމުގެ މަރުހަލާތަކުގައިއަނިޔާ ލިބުމުގެ ސަބަބުން އެ ކަންކަމުގެ އަސަރު އެކުދިންގެ މުޅިދިރިއުޅުމަށް ދެމިގެންދާ ފަދަ ކަންކަން ތަހައްމަލުކުރަމުންދާ ކުދިންކަމަށް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
އެހެން ކުދިންނެކޭވެސް އެއްފަދައިން މިކަންކަމަކީ އެ ކުދިންގެ ނަފްސާނީ ސިއްޙަތާއި ގުޅިފައިވާ ކަންކަން ކަމަށާއި، އެކުދިންގެ އިހުސާސްތައް އެކި ގޮތްގޮތަށް ބުނެދިނުމަށް އެކުދިން މަސައްކަތްކުރާ ކަމަށް އެބަޔާނުގައި ބުނެފަވެއެވެ.
"މި ހިނގާ ދިޔަ ހާދިސާގެ މަޢުލޫމާތު ލިބުމާއެކު މި ސަރވިސްއިން އިން ވަނީ ވަގުތުން އެޓެންޑް ކުރަން ފަށާފައެވެ. އަދި މި ހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާއެއް ލިބިފައިނުވާކަން ކަށަވަރުކޮށްދެމެވެ." އެ ސާވިސްއިން ބުނެފަވެއެވެ.
އެ ސާވިސްގެ އަމާޒަކީ ރައްކާތެރިކަން ބޭނުންވެފައިވާ އެންމެހާ ކުދިންނަށް އެފަދަ މާހައުލެއް ޤާއިމްކޮށްދިނުން ކަމަށާއި، ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަކީ މުޅި މުޖްތަމަޢުގެ ޒިންމާއެއްކަމަށްވާތީ، މިދަނޑިވަޅުގައި ކުދިންގެ ކަރާމާތާއި ރައްކާތެރިކަމަށް އުނިކަން އަންނާނެފަދަ ކަންކަމުން ދުރުވުމަށް އިލްތިމާސްކުރާކަމަށް އެ ބަޔާނުގައި ބުނެފަވެއެވެ.
އެ ސާވިސްއިން ވަނީ އާންމުންނާއި މީޑިއާގެ ފަރާތްތަކުން އެ ސާވިސްއަށް އެއްބާރުލުން ދެމުންދާކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.
މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ހިއްސާކުރާނެ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފަވެއެވެ.
ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި އެތަނުގެ މުވައްޒަފުން އެތާ ތިބި ކުދިންތަކަށް އަނިޔާ ކުރާކަމަށް ރޭ މީސް މީޑިއާގައި ޚަބަރު ފެތުރުނެވެ. އަދި ބައެއް މީޑިއާތަކުގައިވެސް މިކަން ރިޕޯޓް ކުރިއެވެ.
އެކަމާއި ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ އެތަނުގައި އެފަދަ ކަމެއް ހިނގިކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!