ހދ. ނޮޅިވަރަމްގައި ކޯވިޑް ޖެހިގެން ހޯމް ކަރަންޓީނުގައި ހުރި ބަލި މީހެއް ހާލު ގޯސްވެ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފިއެވެ.

އެމީހާ ސިއްހީ މަރުކަޒަށް ގެންދިޔައީ ރަށުގައި އެމްބިއުލާންސެއް ނެތުމުން ބަލިމީހުން އުފުލަން ބޭނުންކުރާ ޕިކަޕްގައެވެ. އެއީ އަންހެނެކެވެ.

Ad
rt

ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިސަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ ވަނީ މިކަން "ތިލަދުން"އަށް ކަށަވަރުކޮށް ދެއްވާފައެވެ.

"އަޅުގަނޑު މިވަގުތު މިހިރީ ސިއްހީ މަރުކަޒުގައި، ހާލު ދެރެވެގެން ގެނައި މީހާއަށް މިހާރު ދަނީ އަވަސް ފަރުވާ ދެމުން،" މުސްތަފާ ވިދާޅުވިއެވެ.

ހާލު ދެރެވި ބަލިމީހާގެ ފިރިމީހާއާއި ހަވާލާދީ މުސްތަފާ ވިދާޅުވީ އެމީހާ ސިއްހީ މަރުކަޒަށް ގެނައީ ޚަބަރު ހުސްވެގެން ކަމަށެވެ.

މިކަމާއި ގުޅިގެން ނޮޅިވަރަމް ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ހުސައިން ކުރައްވާފައިވާ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އެރަށުގެ އެމްބިއުލާންސްގެ ޚިދުމަތް ނުލިބޭތާ 6 މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، އެއީ ބޮޑު އިޙްމާލެއް ކަމަށެވެ.

ނޮޅިވަރަމްގައި ޕޮޒިޓިވްވެގެން ހޯމް ކަރަންޓީނުގައި ހުރިމީހެއް ހާލު ބޮޑުވެގެން މިމަހުގެ 3 ވަަނަ ދުވަހު ވަނީ ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރަށް ވެސް ބަދަލުކޮށްފައެވެ.

ނޮޅިވަރަމުން ފުރަތަމަ ޕޮޒިޓިވް ކޭސްތަކެއް ފެނުނީ މިދިޔަ އޯގަސްޓް މަހުގެ 28 ވަނަ ދުވަހުވެއެވެ. އެއީ 7 މީހެކެވެ. އޭގެތެރޭގައި ހިމެނެނީ 5 ކުޑަކުދިންނާއި ބޮޑު 2 މީހެކެވެ.

28 އޯގަސްޓް ކްލަސްޓާއާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ އެރަށް މޮނިޓިންގެ ހާލަތަށް ވެސް ގެނެސްފައެވެ.