ނެއްލައިދޫ އެމްޕަވަމަންޓް އެންޑް ރިކްރިއޭޝަނަލް ޔުނިޓީ (ނެރު ޖަމްޢިއްޔާ) އިފްތިތާހް ކޮށްފިއެވެ.
މި ޖަމްޢިއްޔާ އިފްތިތާހް ކޮށްފައިވަނީ ރޭ އޮންލައިންކޮށް ބޭއްވި އިވެންޓެއްގައެވެ. މި އިވެންޓް ކުރިޔަށް ގެންދިޔައީ ރޭ 9 ޖެހިއިރު ގޫގުލް މީޓް މެދުވެރިކޮށެވެ. މި އިވެންޓަކީ އާންމުކޮން ހުޅުވާލެވިގެން ކުރިޔަށް ގެންދިޔަ އިވެންޓެކެވެ.
އިވެންޓް ފެށިގެން ދިޔައީ ކީރިތި ޤުރުއާން ބަރަކާތުންނެވެ. ޤުރުއާން ކިޔެވީ ޖަމްޢިއްޔާގެ ސެކްރެޓަރީ ޢާމިނަތު ޝިފާއެވެ. އިވެންޓް ތައާރަފް ކޮށްދިނީ ޖަމްޢިއްޔާގެ ފައުންޑަރ މެމްބަރ ފާތިމަތު ރިޝާދާ އެވެ. ޖަމްޢިއްޔާ އިފްތިތާހު ކޮށްދެމުން ޖަމްޢިއްޔާގެ ރައީސް އަލްފާޟިލް ޙާމިދު ރަޝީދު ދެއްކި ވާހަކައިގައި، ޖަމްޢިއްޔާގެ މުހިންމަތާއި ތަޞައްވުރާއި ލަނޑުދަނޑިތަކުގެ މައްޗަށް އަލި އަޅުވާލިއެވެ. އަދި ޖަމްޢިއްޔާ އުފެދިގެން އައި ގޮތާއި ސަބަބުތަކަށް އަލިއަޅުވާލިއެވެ.
މި އިވެންޓްގައި ޖަމްޢިއްޔާގެ ވެބްސައިޓް އިފްތިތާހު ކުރެވުނެވެ. ޖަމްޢިއްޔާގެ ވެބްސައިޓަކީ www.neru-jamiyya.com އެވެ. މި ވެބްސައިޓް ފަރުމާ ކޮއްދެއްވީ އޯޝަންޓިއުން / ނެއްލައިދޫ ފަރާތުންނެވެ.
މީގެ އިތުރުން ޖަމްޢިއްޔާގެ ފަރާތުން ސެޕްޓެމްބަރ މަހު ކުރަން ނިންމާފައިވާ ކަންކަން އިޢުލާން ކުރިއެވެ. އެގޮތުން މިމަހު ބެލެނިވެރިންނަށް ޚާއްސަ އިނގިރޭސި ކުލާހަކާއި ދުނިޔޭގެ ފާމަސިސްޓުންގެ ދުވަސް ފާހަގަ ކުރުމާއި ޕޯސްޓަރ ކުރެހުމުގެ މުބާރާތެއް ކުރުމަށްވަނީ ރާވާފައެވެ. ރޭގެ އިވެންޓްގައި ޖަމްޢިއްޔާގެ ވަގުތީ ހިންގާ ކޮމިޓީ އިޢުލާން ކުރުމާއި ލޯގޯ އިފްތިތާހް ކުރެވުނެވެ.
ޖަމްޢިއްޔާ އުފެއްދީ ނެތެމުންދާ އިޖުތިމާޢީ ރޫޚު އާލާކޮށް ދިރުވުމާއެކު އިޖުތިމާއީ ގޮތުން ރަށު ފެންވަރުގައި ކުރެވެން ހުރި ކަންކަން ބަލައި ހުރިހާ އުމުރުފުރައެއްގެ މީހުންނާ ގުޅިގެން ކަންކަން ކުރުމުގެ މަގުސަދުގައިކަމަށް ނެރު ޖަމްޢިއްޔާގެ ރައީސް ޙާމިދު ރަޝީދު މަޢުލޫމާތު ދެއްވިއެވެ.
ހދ. ނެއްލައިދޫއަކީ އަބަދުވެސް މަސައްކަތްތެރި ބަޔަކު ދިރިއުޅޭ އަދި އިޖުތިމާއީ ގޮތުން ގިނަ މަސައްކަތްތަކެއް ކޮށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރަށެއްކަން ފާހަގަ ކޮށްލެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!