ށ.މިލަންދޫގައި ކޯވިޑް-19 ގެ ހާލަތު ދެނެގަތުމުގެ ގޮތުން، ކޯވިޑަށް ޓެސްޓް ކުރުމުގެ ޑޯޓްޑޯ ހަރަކާތެއް ކުރިއަށް ގެންދިޔުމަށް އެ ރަށު ސިއްހީ މަރުކަޒު ނިންމައިފިއެވެ.
މިކަމާއި ގުޅިގެން 05 ސެޕްޓެމްބަރ 2021 ގައި އެ ސިއްހީ މަރުކަރުން އާންމު ކޮށްފައިވާ ނޯޓުގައި ބުނެފައިވަނީ 06 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހު މިލަންދޫގައި ޑޯޓުޑޯ އިވެންޓަކުން އެ ރަށުގައި ރޯގާޖެހިފައި ތިބި ފަރާތްތަކުގެ ސާމްޕަލް ނަގައި ވަގުތުން ޓެސްޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިގޮތަށް ޓެސްޓް ކުރެވޭ ސާމްޕަލުތަކުގެ ނަތީޖާ ވަގުތުން ދެމުން ގެންދާނެ ކަމުގައި އެ ނޯޓްގައި ބުނެފައިވެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިލަންދޫ މޮނިޓަރިންނަށް ލާފައި ވަނީ 27 އޯގަސްޓް 2021 ގައެވެ. އެއީ 26 އޯގަސްޓް 2021 ގައި އެ ރަށު ފުލޫ ކުލިނިކަށް ދެއްކި ހަތަރު ފަރާތެއް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. މިހާތަނަށް އެ ރަށުން މި ބައްޔަށް 31 ފަރާތެއް ވަނީ ޕޮޒިޓިވްވެފައެވެ.
މިލަންދޫ ސިއްހީ މަރުކަޒުން އާންމު ކޮށްފައިވާ ނޯޓްގައި އިތުރަށް ބުނެފައިވަނީ ކޯވިޑް ބަލިމަޑުކަމުން އަރައިގަތުމަށް ރައްޔިތުން ކުރިއެކޭ އެއްގޮތަށް އެއްބާރުލުން ދޭނެ ކަމުގައި އެ ސިއްހީ މަރުކަޒުން ޔަޤީންކުރާ ކަމަށެވެ. އަދި މިފަދަ ކޮންމެ ހާލަތެއްގައި އެ ރަށު ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮސް އެ މަރުކަޒުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!