ކުޅުދުށްފުށި ހޮސްޕިޓަލަށް އައިސްފައިވާ ތަރައްޤީއާއި އެކު އެ ހޮސްޕިޓަލުން ދެވޭ ޙިދުމަތްތަކުގެ ފެންވަރު ރަގަޅުވެ އާންމުގެ ފަރާތުން ލިބެމުން އަންނަ އިތުބާރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަމަށް އެހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ކުޅުދުއްފުށި ހޮސްޕިޓަލްގެ ފެންވަރު އިތުރަށް ރަގަޅުކުރުމަށް ހޮސްޕިޓަލުން ވަރަށް ބައިވަރު މަސައްކަތްތަކެއްކުރަމުން އަންނަކަން ވެސް ފާހަގަކޮށްފައިވެއެވެ.

Ad
rt

އެގޮތުން ބަލާއިރު ފާއިތުވި 2020 ވަނަ އަހަރު މާލެ ލޮކްޑައުން ކުރެވުމާއި އެކު ހޮސްޕިޓަލަށް ވިހެއުމަށް އައިސްފައިވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

ކޮވިޑްގެ ކުރިން މަހެއްގެ މައްޗަށް އެވްރެޖްކޮށް 30 މީހުން ވިހެއުމަށް ހޮސްޕިޓަލަށް އައިސްފައިވާއިރު، މިއަދަދު މިހާރު ވަނީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 45 ވުރެން މަތިވެފައެވެ.

ނޯމަލް ޑެލިވަރީގެ އިތުރުން ސީ.ސެކްޝަންގެ ޙިދުމަތްވެސް ކޭ.އާރް.އެޗްއިން ދެމުން އަންނައިރު މިކަމަށްވެސް އާންމުންގެ ފަރާތުން ތަރުޙީބު ލިބޭކަން ހޮސްޕިޓަލުން ފާހަގަކޮށްފައިވެއެވެ.

ތިލަދުންނަށް ދެއްވި ޚާއްސަ އިންޓަވިއުގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަޙްމަދު ދާޢޫދު ވިދާޅުވީ، 2020 ވަނަ އަހަރު ކޭ.އާރް.އެޗްގައި 458 ކުދިން އުފަންވެފައިވާއިރު، މީގެ ތެރޭގައި 276 ކުދިން އުފަންކުރެވިފައިވަނީ ސިޒޭރިއަން ހަދައިގެންކަމަށެވެ. އަދި ހޮސްޕިޓަލުގައި ވިހާފައިވާ މީހުންގެ 3 ބައިކުޅަ 2 ބަޔަކީ ސީ.ސެކްޝަން ހަދާފައިވާ މީހުންކަންވެސް މެނޭޖަރ ފާހަގަކުރެއްވިއެވެ.

ހޮސްޕިޓަލުން ދެމުން އަންނަ ޙިދުމަތްތައް ތަރައްގީވެ އެން.އައި.ސީ.ޔޫގެ ޙިދުމަތަށް ބަދަލުތަކެއް ގެނެވި، ލޭބަރ ރޫމްއަށްވެސް ބަދަލުތަކެއް ގެނެސްފައިވާނެކަމަށް އޭމާ ހާމަކޮށްފައިވެއެވެ.

ހޮސްޕިޓަލަށް މިހާރު ދަތިތައް ހުރި ޑިޕާޓްމަންޓްތަކަށް ބަލާއިރު، ބްލަޑް ބޭންކްއެއް ނެތުމާއި ސިޒޭރިއަން ހަދަން ޖެހޭ މީހުންގެ ނިސްބަތް އިތުރުވަމުން އަންނަ އިރު 24 ގަޑިއިރު އޮޕަރޭޝަން ތިއޭޓަރު ނުހިންގޭ މައްސަލަ ހިމެނެއެވެ.

ޖުމްލަ ގޮތެއްގައި މިމައްސަލަތަށް ހައްލުކުރުމަށް މަސައްކަތްތައް ކުރެވެމުން އަންނަ އިރު، ބެޑް ކެޕޭސިޓީއާއި، ބްލަޑް ބޭންކް އަދި 24 ގަޑި އިރު އޮޕަރޭޝަން ތިއޭޓަރު ހިންގުމާއި ގައިނީ ވާރޑުގައި ފްރެޝް އެއަރ ސިސްޓަމް އަދި ބެޑް ސައިޑް ކާރޓަން ހަރުކުރުމުގެ މަސައްކަތްތައް މިހާރުވެސް ހޮސްޕިޓަލުގައި ކުރެވެމުން އަންނަ ކަމަށް މެނޭޖަރ ހާމަކުރައްވާފައިވެއެވެ.

ކުޅުދުއްފުށްޓަކީ އާބާދީ ބޮޑު ރަށެއްގެ އިތުރުން އެހެން ރަށްރަށުންވެސް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް މީހުން އަންނަކަން ފާހަގަކޮށްފައިވެއެވެ. އަދި ހޮސްޕިޓަލުގައި ހައްލުކުރަން ހުރި ގިނަ ކަންކަން ވީ އެންމެ އަވަހަކަށް ހައްލުކޮށް އާންމުންގެ އިތުބާރު އޮތް ހޮސްޕިޓަލަކަށް ހެދުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށްވެސް ހޮސްޕިޓަލުގެ ފަރާތުން މަޢުލޫމާތުދީފައިވެއެވެ.