ކޯވިޑް ބަލީގެ ނުރައްކަލުގެ ސަބަބުން ހދ. ނޮޅިވަރަމްގެ ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށާއި، އެރަށުގެ ސިއްހީ މަރުކަޒުގައި އާބާދީއާއި އެކަށޭނަ ވަސީލަތެއްނެތް ކަމަށް ނޮޅިވަރަމް ކައުންސިލުން ވިދާޅުވެއްޖެއެވެ.

ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ކޯވިޑްގެ ނުރައްކާ އެރަށަށް ވަނީ އިންތިހާއަށް ވެރިވެފައި ކަމަށެވެ.

Ad
rt

28 އޯގަސްޓްއިން ފެށިގެން ރޭގެ ނިޔަލަށް އެރަށުން 125 މީހަކު އެރަށުން ޕޮަޒިޓިވްވެފައިވާއިރު، ރަށުގެ އާބާދީއާއި އެކަށޭނަ ވަސީލަތް ރަށުގެ ސިއްހީ މަރުކަޒުގައި ނެތުމަކީ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"ސިއްހީ މަރުކަޒުގެ ހާލަތަށް ބަލާއިރު 3000 އާ ގާތް ކުރާ އާބާދީއަކަށް އެކަށޭނެ މިންވަރަށް އިންސާނީ ވަސީލަތް ނެތް، ސިއްހީ މަރުކަޒުގެ އެމްބިއުލާންސް ހަލާކުވެ ހިދުމަތް ނުދެވޭތާ އެތައް ދުވަހެއް. ބަލިމީހާ އުފުލަން ޖެހިފައިވަނީ ރައްޔިތު މީހާގެ ޕިކަޕް އަދި ސައިކަލް ތަކުގައި.
ސިއްހީ މަރުކަޒުގައި ތިބި މަދު މުވައްޒަފުންކޮޅު މިވަގުތު އަބަދުވެސް ތިބެންޖެހިފައި މިވަނީ ކުއްލި ހާލަތުގައި. އެންމެ ޓްރާންސްލޭޓަރަކާއި އެއް ރިސެޕްޝަނިސްޓް ހުރި މި މަރުކަޒުގެ އެއް މުވައްޒަފަކު މިވަގުތުވެސް ކޯވިޑު-19 އަށް ވަނީ ޕޮސިޓިވް ވެފަ." ހާލަތު ބަޔާން ކޮށްދެއްވަމުން މުސްތަފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސިއްހީ މަރުކަޒުގެ މުވައްޒަފުން ކޯވިޑު ސާމްޕަލްތައް ނެގުމަށް ދަތުރުކުރަމުންދަނީ މުވައްޒަފުންގެ އަމިއްލަ ސައިކަލްތަކުގައި، އެ މުވައްޒަފުންގެ އަމިއްލަ ޖީބުން ޕެޓްރޯލަށް ހަރަދު ކޮށްގެން ކަމަށެވެ.

އެރަށުން މި ބައްޔަށް ގިނަ އަދަދެއްގެ ކުޑަކުދިން ފައްސި ވެފާ ވާއިރު އޭގެތެރޭގައި ތެލަސީމިއާ ކުދިންވެސް ހިމެނޭކަމަށާއި އަދި އުމުރުން ދުވަސްވީ ފަރާތްތައްވެސް މިބަލީގެ ޝިކާރައަކަށް ވެފައިވާ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

"ނޮޅިވަރަމް ކައުންސިލާ، ސިއްހީ މަރުކަޒާ، ނޮޅިވަރަމް ޕޮލިސް، މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ސާބިތުވެ އެބަތިއްބެވި، ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް ކާފިއު ވަގުތު ވަނީ މިރަށުގައި އިތުރު ކޮށްފައި، ނޮޅިވަރަމް ޕޮލިސް ސްޓޭޝަނުގައި ތިއްބެވީ ފަސް މުވައްޒަފުން ތެރެއިން އެއް ބޭފުޅަކު މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވޭ، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް މެދުކެނޑުމެއްނެތި ހިދުމަތް ދިނުމަށްޓަކައި މިހިނދުން މިހިނދަށްވެސް އިތުރު މުވައްޒަފުން ޕޮލިހަށް ބޭނުންވާކަން ފާހަގަކުރަން." މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ފާހަގަކުރެއްވި ގޮތުގައި އެރަށް ބަންދުކޮށްފައި އޮތުމާއެކު ބަލީގެ ނުރައްކަލާއެކު ރައްޔިތުން ވެސް ވަނީ ގޭ ބަންދުވެފައެވެ. އެކިއެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ މަސައްކަތްތައް ހުއްޓި އާމްދަނީލިބުން މެދުކެނޑިފައިވާކަން ފާހަގަކޮށް މުސްތަފާ ވިދާޅުވީ، ނޮޅިވަރަމުގެ ރައްޔިތުން އެދެމުން ދަނީ ސަރުކާރާ ސަރުކާރުގެ ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކުން ނޮޅިވަރަމްގެ ހާލަތު ކައިރިން ބަލާ މި ނުރައްކާތެރި ބިރުވެރި ހާލަތުން އަރައިގަތުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކޮށްދިނުމަށާއި ބޭނުންވާ ހުރިހާ ވަސީލަތެއް ވަގުތުން ވަގުތަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

28 އޮގަސްޓް 2021 ވީ ހޮނިހިރު ދުވަހު 7 މީހަކު އެރަށުން ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެރަށުން މިހާތަނަށް ކުޑަކުދިންނާއެކު އެކި އުމުރުފުރާގެ މީހުން ހިމެނޭހެން 125 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެރަށުން ކޮންޓެކްޓު ސާމްޕަލްތަކާއެކު ރެންޑަމް ސާމްޕަލްތައް މިހާރު ނަގަމުންދާއިރު މިހާތަނަށް 364 ސާމްޕަލެއް ވަނީ ނަގާފައެވެ.

ނޮޅިވަރަމް ގައި 300 އަށްވުރެ ގޭބިސީތަކުގައި މީހުން ދިރިއުޅެމުންދާއިރު އޭގެ ތެރެއިން 100 ގެ މިވަގުތަށް ވެސް ވަނީ މޮނިޓަރިންގ ހާލަތަށް ގެނެސްފައެވެ. އަދި 29 އޯގަސްޓްއިން ފެށިގެން އެރަށަށް އަރާފޭބުން މަނާކޮށްފައި އޮތުމުން ރައްޔިތުން ވަނީ ރަށު ބަންދުވެފައެވެ.