ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ރިސޯޓްތަކުގައި މަސައްކަތްކުރާ މަސައްކަތްތެރީންގެ %50 މުވައްޒަފުންނަކީ ދިވެހިން ކަމުގައި ހަމަޖައްސައިދިނުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްއަށް ދަންނަވައިފިއެވެ.
މިގޮތަށް އެދިފައި ފައިވަނީ އިއްޔެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްއާއި މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)އިން މެންބަރުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.
އެބައްދަލުވުމާއި ގުޅޭގޮތުން ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ، އެ ބައްދަލުވުމުގައި އިންޑަސްޓުރިއަލް ރިލޭސަން ބިލުގެ މުހިއްމުކަމާ އަދި ވީހާވެސް އަވަހަކައް އެ ބިލު ފާސްކޮއްދިނުމައް ރައީސް އަރިހުގައި އެދިފައިވާނެ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ބިލު މަޖިލީހައް ފޮނުއްވާ ދެއްވާނެ ކަމަށް، މިބައްދަލުވުމުގަ ޓީމްގެ ފަރާތުން ޓޫރިޒަމްގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަރައް ގިނަ ކަންބޮޑުވުންތަކާއި، އަދި ރިސޯޓްތަކުގަ މަސައްކަތްކުރާ މުވައްޒަފުންގެ %50 މުވައްޒަފުންނަކީ ދިވެހިންނައް ހަދާއިދިނުމައް ވާނީ އެދިފަ،" ޓީމްއިން ބުނެފަވެއެވެ.
އަދި އެކަން އެގޮތައް ވަރައް އަވަސް މުސްތަގުބަލެއްގައި ކޮއްދޭނެ ކަމައް ވެސް ރައީސް ޞާލިޙް ވިދާޅުވިކަމަށް އެ ޖަމިއްޔާއިން ބުނެފަވެއެވެ.
އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުވުމާއި ގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވީ، ރައީސް ޞާލިޙް، އެމްޓީޔޫސީގެ މެންބަރުންނާ ބައްދަލުކުރައްވައި، މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި ގުޅޭގޮތުން އެބޭފުޅުންގެ ހުރި ކަންބޮޑުވުންތަކާއި އެބޭފުޅުންނަށް ދިމާވާ ގޮންޖެހުންތައް އަޑުއައްސަވައި އެކަންކަމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި، އެމްޓީޔޫސީ ގެ މެންބަރުން ވަނީ މަސްވެރިކަމާއި، ތަޢުލީމާއި، ޞީއްޙީ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެެވެ.
މިގޮތުން ހުރިހާ ބޭފުޅުން ވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެއްކަމަށްވާ އިންޑަސްޓްރިއަލް ރިލޭޝަންސް ޤާނޫނު ވީހާވެސް އަވަހަކަށް ފާސްކޮށްދެއްވުމާއި ގުޅޭގޮތުން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
"މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސް ޤާނޫނެއް ރާއްޖޭގައި އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެބޭފުޅުން ވިދާޅުވިގޮތުގައި އިންޓަރނޭޝަނަލް ލޭބަރ ރިލޭޝަންސް (އައި.އެލް.އޯ) ގެ ފަންނީ ލަފަޔާއެކު 2013 ވަނަ އަހަރު ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލްގެ ޑްރާފްޓެއް އެކުލަވާލައިފައިވާކަމަށާއި، ހުރިހާ ދާއިރާއެއްގެ މަސައްކަތްތެރިންގެ ހުރި ގިނަ ކަންބޮޑުވުންތަކާއި މައްސަލަތަކަށް ޙައްލު ލިބެން އޮތީ މި ޤާނޫނު ވުޖޫދުވެގެން ކަން ފާހަގަކުރައްވާފައެވެ." ރައީސް އޮފީހުން ވިދާޅުވެފަވެއެވެ.
އެ ޖަމިއްޔާގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް ޑްރާފްޓްކުރުމުގެ މަސައްކަތްކުރިޔަށްދާކަމުގައި ވިދާޅުވެ ވީހާވެސް އަހަވަކަށް ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރެއްވުމަށްފަހު އެ ބިލަށް ގެންނަންޖެހޭ ބަދަލުތަކާއެކީ މަޖިލީހަށް ހުށަހަޅުިއްވާނެކަމުގައި ވިދާޅުވެފަކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!