ނުބައިކަމެއްކުރުމަށް ހިތަށް އެރުމަކީ ފާފަވެރިވާނެ ކަމެއްތޯ؟

darkdesert

ވަރަށް ގިނަ މީހުންގެ ހިތުގައި އެނބުރޭ ސުވާލެކެވެ. މި ފިތުނަވެރި ޒަމާނުގައި ދިރިއުޅެމުންދާއިރު، މިއުޅެވެނީ ފާފަތަކުން ފުރިފައިވާ އަދި ފާފަތަކަށް ގޮވާލާ ވެއްޓެއްގައެވެ.

މިފަދަ ތަނެއްގައި ދިރިއުޅެމުންދާއިރު ބޭއިޚްތިޔާރުގައި ނަމަވެސް ފެންނަ ބައެއް މަންޒަރުތަކުންނާއި އިވޭ ބައެއް އަޑުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ހިތައް ބައެއްފަހަރު ނުބައި ޚިޔާލުތައް ވެރިވެއެވެ. ޝައިޠާނާގެ ވަސްވާހާއެކު ހަވާނަފުސުވެސް ގަދަކަންދައްކައި އިންސާނާއަށް ނުބައި ކަންތައްތަކެއް ކުރުމަށް ގޮވާލައެވެ. އެއާއެކު އެފަދަ ނުބައިކަމެއް ކުރާނަމޭ ބައެއްފަހަރު ހިތައް އަރައެވެ. ސުވާލަކީ މިފަދައިން ހިތައް އެރުމަކީ ފާފަވެރިވާނޭ ކަމެއް ހެއްޔެވެ؟

ފުރަތަމަ ކަމަކަށް އަޅުގަނޑުމެންނަށް ނުބައި ކަންކަމަށް ގޮވާލާ މައިގަނޑު ދެ އެއްޗާމެދު ބަހެއް ބުނެލަމާތޯއެވެ. އާދެ ޝައިޠާނާއާއި ހަވާނަފުސެވެ. ނުވަތަ ނުބައި ކަންކަމަށް ގޮވާލާ ނަފުސެވެ. ޝައިޠާނާގެ ވާހަކަ އަޅުގަނޑުމެން އަބަދު އަހަމެވެ. އިބުލީހާއި އޭނާގެ އަޢުވާނުންގެ ތެރެއިން ޖިންނީންނާއި އިންސީންގެ ތެރެއިންވާ ޝައިޠާނުން އަޅުގަނޑުމެންނަށް ނުބައި ވަސްވާސްތައްދީ މަގުފުރެއްދުމުގައި ކެނޑިނޭޅި މަސައްކަތް ކުރެއެވެ.

ނަމަވެސް ނުބައި ނަފްސާ މެދު ވިސްނާލެވެނީ މަދު ފަހަރަކުއެވެ. ނުބައި ނަފުސުގެ ނުރައްކާތެރިކަން އަޅުގަނޑުމެންނަށް ރަނގަޅަށް ތަސައްވަރު ކޮށްލެވޭނަމަ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އިރުޝާދު ދެއްވި ފަދައިން އޭގެ ކިބައިން ސަލާމަތް ކޮށްދެއްވުން އެދި ކޮންމެ މީހަކުވެސް ހެނދުނާއި ހަވީރު ދުޢާ ކުރާނެއެވެ. ހެނދުނާއި ހަވީރު ކިޔުމަށް ވާރިދުވެފައިވާ ދުޢާތަކުގެ ތެރެއިން ދުޢާއެއްގައި ވެއެވެ.

يا حَـيُّ يا قَيّـومُ بِـرَحْمَـتِكِ أَسْتَـغـيث ، أَصْلِـحْ لي شَـأْنـي كُلَّـه ، وَلا تَكِلـني إِلى نَفْـسي طَـرْفَةَ عَـين (1)

މާނަ: އޭ ދިރި ދެމިވޮޑީގެންވާ އިލާހެވެ. މުޅި ކާއިނާތު ބެލެހެއްޓެވުމުގައި ޤާއިމްވެ ވޮޑިގެންވާ އިލާހެވެ. ހަމައެކަނި އިބަ ﷲގެ ރަޙުމަތުގެ ޒަރީޢާއިން މިއަޅާ ފަރިޔާދު ކުރަމެވެ. މިއަޅާގެ ހުރިހާކަމެއް މިއަޅާއަށް އިޞްލާޙުކޮށްދެއްވާފާންދޭވެ. އަދި އެސްފިޔައެއް ޖަހާލާހާ ހިނދުކޮޅަކަށްވެސް މިއަޅާއާ މިއަޅާގެ ނަފުސު ޙަވާލު ނުކުރައްވާފާންދޭވެ!

ދެވަނަ ކަމަކަށް މިސުވާލަކީ ޙަޤީޤަތުގައި މާތް ﷲ ބާވައިލެއްވެވި ބައެއް އާޔަތްތަކާ އެކު ޞަޙާބީންގެ ހިތްޕުޅުތަކުގައިވެސް އުފެދިގެން އައި ދުވާލެކެވެ. މީގެ ތަފުޞީލާއެކު ޖަވާބާހަމައަށް ވާޞިލުވުމަށްޓަކައި އެޒަމާނުގައި ހިނގައިދިޔަ ޙާދިސާ(2) އަކަށް ނަޒަރު ހިންގާލާނަމެވެ.
އެއީ މާތް ﷲގެ އަންނަނިވި ވަޙީ ބަސްފުޅު ބާވައިލެއްވުމާއެކު ހިނގި ހާދިސާއެކެވެ.

އެއިލާހު ވަޙީކުރައްވަނީ: لِّلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَإِن تُبْدُوا مَا فِي أَنفُسِكُمْ.... (سورة البقرة: 284)

މާނަ: "އުޑުތަކުގައިވާހާ އެއްޗަކާއި، ބިމުގައިވާހާ އެއްޗެއް މިލްކުވެގެންވަނީ اللَّه އަށެވެ. ތިޔަބައިމީހުންގެ ނަފުސު ތަކުގައިވާ އެއްޗެއް، ތިޔަބައިމީހުން ފާޅުކުޅަޔަސް، ނުވަތަ އެކަން ތިޔަބައިމީހުން ސިއްރު ކުޅަޔަސް އެކަމާމެދު، اللَّه، ތިޔަބައިމީހުންނާ (ސުވާލު ކުރައްވައި) ޙިސާބު ބައްލަވާނެއެވެ. ދެން، އެއިލާހު އިރާދަކުރައްވާ މީހަކަށް ފާފަފުއްސަވާނެއެވެ. އަދި އެއިލާހު އިރާދަކުރައްވާ މީހަކަށް ޢަޒާބު ދެއްވާނެއެވެ. اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ."
މިއާޔަތް ބާވައިލެއްވުމާއެކު ޞަޙާބީން ވަރަށް ކަންބޮޑުވެވަޑައިގަތެވެ. އެބޭކަލުން ނަބިއްޔާ އަށް ދެންނެވިއެވެ. "ކަލޭގެފާނުގެ މައްޗަށް މިހާރު މިބާވައިލެއްވުނު އާޔަތުގައި، އެވަނީ އަޅުގަނޑުމެންނާ ކުޅަދާނަ ކަމެއް ނޫނެވެ. (އެބަހީ: ހިތައް އަރާ ކަންކަމަކީ އަޅުގަނޑުމެންނަށް ބާރު ފޮރުވޭނޭ ކަންކަމެއް ނޫނެވެ. ވީމާ އެކަމުން ރައްކާތެރި ވުމަކީ އަޅުގަނޑުމެންނަށް ކުޅަދާނަ ކަމެއް ނޫނެވެ.)

ނަމަވެސް ނަބިއްޔާ އިރުޝާދު ދެއްވީ އަހުލުކިތާބީން މާތް ﷲ ގެ ވަޙީ ބަސްފުޅު އަޑުއަހައި އެއަށް ނުކިޔަމަންތެރިވީ ފަދައިން ނުވެ، މިވަޙީގެ އާޔަތްވެސް އަޑުއަހައި ކިޔަމަންވާ ބައެއްކަމުގައި ވުމަށެވެ.

ފަހެ ޞަޙާބީ ބޭކަލުން މިއާޔަތް ކިޔަވައި އޭގައިވާ ވަޙީ ބަސްފުޅު ތެދު ކުރައްވައި، އެކަން ތަމްސީލު ކުރައްވައި ކިޔަމަންތެރިކަން އަދާ ކުރެއްވުމުން، މާތް ﷲ އެކަމަށް ތަޢުރީފު ކުރައްވައި އެއާޔަތާ ވިދިގެން އާޔަތެއް ބާވައިލެއްވިއެވެ.

އެއީ: آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ (سورة البقرة: 285)

މާނަ: "ރަސޫލާއަށް، އެކަލޭގެފާނުގެ ވެރި އިލާހުގެ ޙަޟްރަތުން ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި ޤުރްއާނަށް) ރަސޫލާއާއި މުއުމިނުން އީމާން ވިއެވެ. އެ އެންމެންމެ اللَّه އާއި، އެއިލާހުގެ މަލާއިކަތުންނާއި، އެއިލާހު (ބާވައިލެއްވި) ފޮތްތަކާއި، އެއިލާހު ފޮނުއްވި ރަސޫލުންނަށް އީމާންވިއެވެ. (އެއުރެން ބުނެތެވެ.) ތިމަންމެން، އެއިލާހުގެ ރަސޫލުންގެ ތެރެއިން އެކަކާމެދުވެސް ތަފާތެއް ނުކުރަމުއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެން އަހައި ކިޔަމަންވެއްޖައީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަފުއްސަވައިފާނދޭވެއެވެ! އަދި، އެނބުރި ދިއުންވަނީ، އިބައިލާހުގެ ޙަޟްރަތަށެވެ."

ފަހެ މިއާޔަތުގައި އެ ވާ ފަދައިން އެބޭކަލުންނަށް އެންގެވުނު ފަދައިން ބޯލަންބަވައި ކިޔަމަންތެރިކަން އަދާ ކުރެއްވުމުން، މާތް ﷲ، އެބޭކަލުން ކުރިން ބާވައިލެއްވުނު އާޔަތުގައި ކަންބޮޑުވި ކަންކަމަށް ލުއިކަމެއް ދެއްވައި، އެއާޔަތް މަންސޫޚު ކުރައްވައި އޭގެ ބަދަލުގައި އެހެން އާޔަތެއް ބާވައިލެއްވިއެވެ.

އެއާޔަތުގައި ވެއެވެ: لا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ (سورة البقرة: 286)

މާނަ: اللَّه، އެއްވެސް ނަފުސަކަށް، އެ ނަފުސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކުލީފެއް ނުޖައްސަވައެވެ. އެ ނފުސެއް ހޯދި ހެޔޮކަމެއް (ގެ ޘަވާބު) އެ ނަފުސަކަށް ވެއެވެ. އަދި، އެ ނަފުސެއް ހޯދި ނުބައިކަމެއް (ގެ ޢިޤާބު) އެ ނަފްސެއްގެ މައްޗަށްވެއެވެ. އަޅަމެންގެ ވެރިއިލާހެވެ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، ޤަސްދެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް ޢުޤޫބާތެއް ނުދެއްވާނދޭވެ! އަޅަމެންގެ ވެރިއިލާހެވެ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ! އަޅަމެންގެ ވެރިއިލާހެވެ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި، އަޅަމެންނަށް ޢަފޫ ކުރައްވާނދޭވެ! އަދި، އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި، އަޅަމެންނަށް ރަޙުމަތް ލައްވާނދޭވެ! އިބައިލާހީ އަޅަމެންގެ އެހީތެރިވަންތަ އިލާހެވެ. ފަހެ، ކާފިރު ވެގެންވާ ޤައުމުގެ މައްޗަށް އަޅަމެންނަށް ނަސްރު ދެއްވާނދޭވެ!

މިއާޔަތުން އެނގިގެން ދިޔަފަދައިން އަޅުގަނޑުމެން ކަމެއް ކުޅައުމުން މެނުވީ ﷲ އެކަމަކަށް ޢަޒާބެއް ނުދެއްވައެވެ. އެއީ އާޔަތުގަ މާނާގައި ވާ ފަދައިންނެވެ. " އަދި، އެ نفس އެއް ހޯދި ނުބައިކަމެއް (ގެ عقاب) އެ نفس އެއްގެ މައްޗަށްވެއެވެ."

ހަމަ އެހެންމެ ބުޚާރީއާއި މުސްލިމުގައި ރިވާވެފައިވާ ސައްޙަ ޙަދީޘެއްގައި ވެއެވެ. وَمَنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً فَإِنْ هُوَ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ لَهُ سَيِّئَةً وَاحِدَةً (3)

މާނަ: "އަދި ނުބައިކަމެއް ކުރަން ބޭނުންވެ އެކަމެއް ނުކޮށްފިނަމަ އެމީހަކަށް ހެޔޮކަމެއް ފުރިހަމަ ހެޔޮކަމެއް ލިޔުއްވައެވެ. އަދި ނުބައިކަމެއް ކުރަން ބޭނުންވެ އަދި އެކަމެއް ކޮށްފިނަމަ އެމީހަކަށް އެންމެ ނުބައިކަމެއް ކަމުގައި ލައްވައެވެ."

އެހެންކަމުން ނުބައިކަމެއް ކުރުމަށް ހިތަށް އަރާ ހިނދު އެކަމާ ދެކޮޅަށް ހަނގުރާމަކޮށް އެކަން ނުކުރުމަށް މަސައްކަތްކުރާށެވެ. އޭރުން އެކަމެއް ހިތައް އެރީތީ އެއަށް ޢުޤޫބާތެއް ނުދެއްވުމާއެކު އިތުރު ހެޔޮކަމެއް ފަތުގައި ލިޔެވުނީއެވެ.

މިޙާދިޘާއިން އަދި ވަރަށް މުހިންމު ކަމެއް އެނގިއްޖެއެވެ. ޤުރްއާނުގައިވާ އާޔަތްތަކުގެ ތެރެއިން މަންސޫޚުވެފައިވާ އާޔަތްތަކާއި ނުވާ އާޔަތްތަކާއި މަންސޫޚުވެފައިވާ އާޔަތްތަކުގެ ބަދަލުގައި ބާވައިލެއްވުނު އާޔަތްތަކުގެ މަޢުލޫމާތު ނެތި ޤުރްއާނުގެ އާޔަތްތަކުން އަމިއްލައަށް ޙުކުމްތައް ނެރެގެން އުޅުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އޭގެ ސަބަބުން އެތައް ނުބަޔަކަށް ދޮރުތައް ހުޅުވިގެންދާނެއެވެ. އެހެންކަމުން ދީނީ ކަންކަމުގައި މަޢުލޫމާތު ސާފުކުރުމަށް އަބަދުވެސް ދީނީ ޢިލްމު ޙާޞިލުކޮށްފައިވާ ފަރާތްތަކާ ސުވާލުކޮށް ހަދާށެވެ. މާތް ﷲ ވަޙީ ކުރައްވަނީ: فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ (سورة النحل: 43)

މާނަ: " ތިޔަބައިމީހުން ނުދަންނަ ކަމުގައި ވާނަމަ، ތިޔަބައިމީހުން ޢިލްމުގެ އަހުލުވެރިންނާ ސުވާލު ކުރާށެވެ!"
-----------------------------
(1) رواه النسائي في "السنن الكبرى" (6/147) وفي "عمل اليوم والليلة" (رق/46) ، والحاكم في "المستدرك" (1/730) ، والبيهقي في "الأسماء والصفات" (112) ، وغيرهم. ولفظه في بعض الروايات : ( أن تقولي إذا أصبحت وإذا أمسيت
(2) މި ހާދިސާ ރިވާވެފައިވާ ޙަދީޘަކީ އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި ވަރަށް މަޤުބޫލު ޙަދީޘް ފޮތެއް ކަމަށް ވާ ރިޔާޟުއް ޞާލިޙީނުގައިވާ (ޙަދީޘް ނަންބަރު: 168)، އިމާމް މުސްލިމް ރިވާކުރައްވާފައިވާ ޞަޙީޙު ދަރަޖައިގެ ޙަދީޘެކެވެ. މި ޙަދީޘުގެ ރާވީއަކީ އަބޫހުރައިރާ ރަޟިޔަﷲ އަންހެވެ.
(3) الحديث متفق عليه. (رواه البخاري: 6126 و رواه مسلم: 131)

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *