ހދ. ނޮޅިވަރަމުގައި ހަލުވިކަމާއެކު ކޮވިޑް-19 ބަލި ފެތުރެމުންދާތީ އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.
އެރަށު ކައުންސިލުން ހާމަކުރެއްވިގޮތުގައި އެރަށުގައި އެޅި ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެރަށުން ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކެއް ފެނި، ހަލުވިކަމާއެކު ރަށުތެރޭގައި ބަލި ފެތުރެމުންދާތީ އެވެ.
އެގޮތުން، އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި ހަވީރު 18:00 ފެށިގެން ހެނދުނު 06:00 އަށް ކާފިއުގެ ވަގުތު އިތުރުކުރުމާއި ކާފިއު ނޫން ވަގުތުތަކުގައި ބޭރަށް ނިކުންނައިރު އެ ކައުންސިލުން ދޫކުރާ ފާސް ބޭނުންކުރުމަށް ވަނީ އަންގާފައެވެ. އަދި މިސްކިތްތައް ބަންދުކުރުމާއި ސުކޫލް، ޕްރީސްކޫލް އަދި ޓިއުޝަން ސެންޓަރުތަކުގައި ކިޔަވައިދިނުން މެދުކަނޑާލުމުގެ އިތުރުން ރަށުން ފުރާ ކޮންމެ އުޅަނދެއް ފުރާއިރު ކައުންސިލްގެ ހުއްދަ ލިޔުމުން ހޯދައިގެން ފުރުމަށް ނޮޅިވަރަމް ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މީގެ އިތުރުން، އެރަށުން ކަރަންޓީނު ކުރެވިފައިވާ ގެތަކުގައި އުފެދޭ ކުނިވާ ޒާތުގެ ކުނި އުކާލުން ކޮންމެ ދުވަހެއްގެ ހެނދުނު 09:00ގައި ފެށިގެން ކުރިއަށްދާނެކަމަށާއި ގެތަކުގައި އުކާލަން ހުންނަ ކުނި ހެނދުނު 09:00 ގައި ދޮރުމަށްޗަށް ނެރެފައި ހުންނަންވާނެކަމަށް ކައުންސިލުން ވިދާޅުވިއެވެ. އަދި އުކާލަން ނެރޭ ކުނި ހުންނަންވާނީ ރަނގަޅަށް ބަންދުކުރެވިފައިވާ ނައްތާލެވޭ ފަދަ އެއްޗެއްގައި ކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.
"28 އޯގަސްޓުގެ ކްލަސްޓަރ ގުޅިގެން ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ރައްކާތެރިވެތިބުމުގެ ގޮތުން އަޅާ ފިޔަވަޅުތައް 31 އޯގަސްޓުން ފެށިގެން 7 ދުވަހުގެ މުއްދަތަށް ދެމެހެއްޓޭނެ."
ނޮޅިވަރަމް ކައުންސިލް އިން ވިދާޅުވިއެވެ.
މިމަހުގެ 28 ވަނަ ދުވަހު އެރަށުން 5 ކުޑަކުދިންނާ 2 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެރަށް ވަނީ މިހާރު މޮނިޓަރިން އަށް ލާފައެވެ.
އަދި އިއްޔެވެސް އެރަށުން ވަނީ 28 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މި ކޭސްތަކާއެކު އެރަށުގައި މިހާރު 39 އެކްޓިވް ކޭސް އެބަތިއްބެވެ. މިހާތަނަށް އެރަށުން 140 ސާމްޕަލް ނެގުނުއިރު 101 ސާމްޕަލެއްވަނީ ނެގެޓިވް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!