ހއ. ފިއްލަދޫގެ އިހްތިސާސް އިން ވަކިކޮށް ދައްޕަރުން ނާޖާއިޒް ފައިދާ ނެގުން ހުއްޓާލަން އިދިކޮޅުން ގޮވާލައިފިއެވެ.
ހއ. ފިއްލަދޫގެ އިހްތިސާސްއިން ދައްޕަރު ބޭރުކޮށްލީ އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގާރާރަކުންނެވެ. އެކަމާ ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނުގައި ބުނީ ދައްޕަރު ފިއްލަދޫ ކައުންސިލްގެ އިޚްތިޞާޞްގެ ތެރެއިން ވަކިކުރުމަށް ނިންމެވި ޤަރާރު އަނބުރާ ގެންދަވާ، ސެކަންޑް ހޯމް ޕްރޮޖެކްޓްގެ ނަމުގައި ދައްޕަރު ބޭރުގެ ބަޔަކަށް ވިއްކާލައިގެން ނާޖާއިޒްގޮތުގައި މަންފާ ހޯދުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ. އަދި ިއްލަދޫ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނި، ރަށުގެ ތަރައްޤީގެ ޕްލޭންތައްޔާރުކޮށް ކައުންސިލަށް އާމްދަނީ ލިބޭނެ މުހިއްމު ވަސީލަތެއްގެ ގޮތުގައި ދައްޕަރު ވެފައިވަނިކޮށް ކައުންސިލާއި އަދި ރައްޔިތުންނާއި އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ދައްޕަރު ވަކިކޮށްލުމަކީ ފިއްލަދޫގެ ރައްޔިތުންނަށް ދެވޭ ވަރަށްބޮޑު އަނިޔާއެއް ކަމަށް ވެސް ބުނެފައިވެއެވެ.
އިދިކޮޅުން ބުނީ ދައްޕަރު ފިއްލަދޫ ކައުންސިލްގެ އިޚްތިޞާޞްގެ ތެރެއިން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޤަރާރަކުން ނިންމި ނިންމުމަކީ ވަރަށް ޚުދުމުޚުތާރު އަދި ލާމަރުކަޒީ ޤާނޫނާއި ލާމަރުކަޒު ކުރުމުގެ މަފްހޫމާއި މުޅިން ތަޢާރަޒް ނިންމުމެއް ކަމަށެވެ. އެހެންވެ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށާއި ރައްޔިތުންނަށް އެންމެ ފައިދާއާއި މަންފާ ލިބޭނެ އަދި ރައްޔިތުން ބޭނުންވާ ގޮތަށް މިފަދަ ކަންކަން ނިންމުމަށް ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
ގަރާރުގައި ވަނީ ދައްޕަރަކީ ރިސޯޓެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެކަމަކު ސަރުކާރުން އެތަނުގައި ރިސޯޓެއް ގާއިމްކުރަން ނިންމި ނަމަވެސް އަދި އެ މަސައްކަތް އެއްވެސް ބަޔަކާ ހަވާލުކޮށްފައެއް ނުވެއެވެ. އެ މަސައްކަތަށް މިދިޔަ އޭޕްރިލް މަހު ބިޑަށް ހުޅުވާލި ނަމަވެސް އެއްވެސް ފަރާތަކުން ބިޑުކޮށްފައެއް ވެސް ނުވެއެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވަނީ އެތަނުގައި އެހެން ޕްލޭންތަކެއް ހުރިކަން ރައްޔިތުންގެ މަޖިލީހުގައި ހާމަކުރައްވާފައެވެ. އެގޮތުން ހއ. ދައްޕަރުގައި ވިލާ އަދި އެޕާޓްމެންޓްތައް އެޅުމުން، އެތަންތަން ގަންނަ ފަރާތްތަކަށް ރެސިޑެންސް ވިސާ ދިނުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅެމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި އެއްލައްކަ ރުފިޔާ އިންވެސްޓްކުރާ ފަރާތްތަކަށް ނުވަތަ ދިގު މުއްދަތަކަށް ތަންތަން ކުއްޔަށް ހިފާ ފަރާތްތަކަށް ރެސިޑެންސް ވިސާ ދިނުމަކީ މިވަގުތަށް މުހިންމުކަމެއް ނޫނެވެ. އޭގެ ބަދަލުގައި ދިވެހިރާއްޖޭގެ ގާނޫނު ތަކާއި ޚިލާފްނުވާ ގޮތަކަށް އަމަލުކުރާ އަދި 500،000 ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ވިސާ ދޭން ވިސްނިދާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!