ކޯވިޑް-19 އިން ރައްކާތެރިވުމަށް ސިންގަޕޫރުގެ 5.7 މިލިއަން މީހުންގެ އާބާދީގެ 80 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާކަމަށް އެޤައުމުން ހާމަކޮށްފިއެވެ.
މިއަދަދާއި އެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރަމުން އަންނަ ޤައުމުތަކުގެ ލިސްޓުގައި ސިންގަޕޫރު ހިމެނިފައިވާކަމަށް އެޤައުމުގެ ހެލްތް މިނިސްޓްރީއިން ވަނީ ހާމަކޮށްފައިވެއެވެ.
މިއީ ސިންގަޕޫރު ފަދަ ކުޑަ ޤައުމަކުން ކޯވިޑް 19 އާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކާއި އަޅާބަލާއިރު ލިބުނު އިތުރު ކުރިއެރުމެއްކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ޖެނުއަރީ މަހުން ފެށިގެން ސިންގަޕޫރުގައި ވެކްސިން ދެމުން އައިސްފައިވާއިރު އެޤައުމުން ދެމުން އަންނަނީ، ފައިޒަރ އަދި މޮޑެރްނާ ވެކްސިންއެވެ.
އާބާދިގެ ބޮޑު ބައެއް ވެކްސިން ފުރިހަމަކުރުމާއި އެކު އެޤައުމުން ކޯވިޑް-19 އާއި ގުޅިގެން ކަނޑައަޅާފައިވާ ބައެއް ކަންކަން އިސްލާހުކުރާނެކަމަށާއި ޤައުމަށް ދިމާވެފައިވާ އިޤްތިޞާދީ އަޑިގަނޑުން އަރައިގަތުމަށް ފުރުސަތު ލިބިގެން އަންނާނެކަންވެސް އެޤައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ސިންގަޕޫރުގައި ކޯވިޑް 19 އަށް ޕޮސިޓިވްވީ މީހުންގެ އަދަދު 67،171 އަރާފައިވާކަމަށާއި 55 މީހުން ކޮވިޑް 19 ގެ ސަބަބުން މަރުވެފައިވާކަމަށް ސަރުކާރުގެ ރެކޯރޑްތަކުން ދައްކައެވެ.
ސިންގަޕޫރުގެ އިތުރުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރަމުން އަންނަ ޤައުމުތަކުގެ ތެރޭގައި އެކުވެރި އަރަބި އިމާރާތް، އުރުގުއޭ އަދި ޗިލީ ހިމެނެއެވެ. އެޤައުމުތަކުގެ އާބާދީގެ 70 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާކަމަށް ނޫސްތަކުގައި ހާމަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!